ލާމަރުކަރީ ގާނޫނު ހިންގުމުގެ ޒިންމާ އަދާކުރުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން ދައުވާކޮށްފި އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން މާލޭ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ އަލިމަސް އުފާ ކާނިވާ ސަރަހައްދުގައި ޕާކެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާން ކުރުމުން ހައުސިން މިނިސްޓްރީން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ސިޓީ ކައުންސިލަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.

އެ ދައުވާގައި މާލޭ ސިޓީ ކައުންސިލުން ވަނީ ހަތަރު ކަމަކަށް އެދިފަ އެވެ.

ލާމަރުކަޒީ ގާނޫނު ހިންގުމުގެ ޒިންމާ އަދާކުރުމުގައި މިނިސްޓަރު އިހުމާލުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާ އިރު ލާމަރުކަޒީ ގާނޫނު ހިންގުމަށް ހުރިހާ ހާލަތެއްގައި އިސްކަން ދިނުމަށް ހައުސިން މިނިސްޓަރުގެ މައްޗަށް އަމުރު ކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

ބިމާ ބެހޭ ގާނޫނުގައި ލާމަރުކަޒީ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން އެ ގާނޫނު އިސްލާހު ކުރެވެން ދެން މިވަގުތައް މާލޭ ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ބިންތައް ކައުންސިލާ ހަވާލު ކުރުމަށް އަމުރެއް ނެރެދިނުމަށް ވެސް ސިޓީ ކައުންސިލުން އެދިފައިވެ އެވެ.

ލާމަރުކަޒީ ގާނޫނު ހިންގުމުގެ ޒިންމާ އަދާކުރުމުގައި މިނިސްޓަރު އިހުމާލު ވެފައިވާ ކަމަށާއި އެކަމުން ރައްޔިތުންނާއި ސިޓީ ކައުންސިލަށާއި ކައުންސިލަރުންނަށް ގެއްލުން ލިބިފައިވާ ކަމަށް ބުނެ ލިބުނު ގެއްލުންތަކުގެ ޒިންމާ ހައުސިން މިނިސްޓަރު އުފުލަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުވާގައި ސިޓީ ކައުންސިލުން އެދިފައިވެ އެވެ.
އެ ދައުވާއާ ގުޅިގެން ވަގުތީ އަމުރަކަށް ވެސް ސިޓީ ކައުންސިލުން އެދުނެވެ. ނަމަވެސް ވަގުތީ އަމުރުގައި ވެސް އެދިފައި ވަނީ ދައުވާގައި ވެސް އެދިފައިވާ ބައެއް ކަންތައްކަމަށްވާތީ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ވަނީ މިއަދު ކަނޑައަޅާފަ އެވެ.

ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލާ އުޝާމާ މޫސާ ވިދާޅުވީ މިނިސްޓަރު ޒިންމާ އަދާނުކުރާ ނަމަ އަމަލުކުރަން ޖެހޭ އުސޫލު ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެއީ ޝަރުއީ ކޯޓަކަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

ދައުވާގައި ގެއްލުން ލިބިފައިވާ ކަމަށް ބުނެފައިވާ އިރު އޭގެ ތަފްސީލުތައް ބުނެދީފައި ނުވާ ކަމަށް ވެސް އުޝާމާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ލިޔުމުން ދައުވާ އަށް ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.