19 Mar 2013, 15:48
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ވޭތުވެދި ތިން އަހަރު ވެސް ހޮވިވަޑައިގެންނެވި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަނެއްކާ ވެސް އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހޮއްވަވައި، ޕީޖީ ގްރޫޕްގެ ނައިބު ލީޑަރުންނަށް ތޮއްުޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިންތިހާބުކޮށްފި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހަމައެކަނި ކުރިމަތިލެއްވި އިބޫ އެ މަގާމަށް ހޮވިވަޑައިގެންނެވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ވޯޓާއެކުގަ އެވެ. އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނޭ 30 މެންބަރުންގެ ތެރެއިން ދެ މެންބަރު ރާއްޖެ އިން ބޭރުގައި އުޅުއްވާތީ އެ މެންބަރުން އިންތިހާބުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
ނައިބު ލީޑަރުންނަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އިންތިހާބުވެވަޑައިގެންނެވި އަލީ ވަހީދަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު، ޖާބިރު އެމަގާމަށް އިންތިހާބުވީ 13 ވޯޓް ހޯއްދަވައިގެންނެވެ.
ނައިބު ލީޑަރުންނަށް ކުރިމަތިލައްވައި ނާކާމިޔާބު ވެވަޑައިގެންނެވީ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. ސަމީރަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ. ކާނަލްއަށް ލިބިވަޑައިގެންނެވީ ފަސް ވޯޓެވެ. ކާނަލްއަކީ ވޭތުވެދި ހަތަރު ފަހަރު ވެސް އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
ޕީޖީ ގްރޫޕްގެ އަމީންއާންމަށް ހޮވިވަޑައިގެންނެވީ ހަމައެކަނި އެ މަގާމަށް ކުރިމަތިލެއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ތިން ވިޕުންގެ ގޮތުގައި އިންތިހާބު ވެވަޑައިގެންނެވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.