ޖަލުތަކާއި ޕެރޯލްގެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން އެ ބިލް އަނެއްކާ ވެސް ދިރާސާ ކުރުމަށްޓަކައި ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.

މީގެ ތިން އަހަރު ކުރިން މަޖިލީހަށް ހުށަހެޅި ޖަލުތަކާއި ޕެރޯލްގެ ބިލު ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހުން ތަޅުމުން ފާސްކޮށް، ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާލެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެވެ. އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ބިލް މަޖިލީހަށް ފޮނުއްވާލެއްވުމުން މެންބަރުން ބަހުސް ކުރެއްވުމަށް ފަހު، ހުށަހަޅައި ތާއިދު ލިބުނީ އެ ބިލް ދިރާސާ ކުރުމަށް ޓަކައި އަލުން ކޮމެޓީ އަށް ފޮނުއްވުމަށެވެ. ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ތާއިދު ކުރެއްވި އިސްލާހު މިއަދު މަޖިލީހުން ފާސްވީ 29 ވޯޓާ އެކު އެވެ. އެ ހުށަހެޅުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތަޅުމުގައި ތިއްބެވި އެވެ.

އެ ބިލް ތަސްދީގު ނުކުރެއްވި ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ބިލުގެ ތިން ވަނަ މާއްދާގެ (ބ) އާއި (ޅ)ގެ ދަށުން ކުޑަކުދިންނާއި އަންހެނުން ބަންދުކުރުމަށް ޚާއްސަ ކުރެވޭ މަރްކަޒުތަކެއް ގާއިމުކުރުން ލާޒިމުކޮށްފައި އޮތުމާ އެކު، ބިލުގެ ހަތަރު ވަނަ މާއްދާގެ (ށ) ގައި ކުޑަކުދިން ބަންދުކުރުމަށް ޚާއްސަ ކުރެވިފައިވާ މަރުކަޒު ގިންތި ކުރުމުގެ ވާހަކަ ބަޔާންކޮށްފައި ވީނަމަވެސް، އަންހެނުން ބަންދުކުރުމަށް ޚާއްސަ ކުރެވިފައިވާ މަރުކަޒުގެ ވާހަކަ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ރައީސްގެ ސިޓީގައި އެ ބިލުގެ 16 ވަނަ މާއްދާގައި "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް"ގެ ނަމުގައި މުއައްސަސާއެއް އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، އެ މުއައްސަސާ އުފައްދާނީ، ކޮންފަރާތަކުންކަން ބިލުގައި ބަޔާންކޮށްފައިނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ޑީޕީއާރްއެސްއާ އެތަނުގެ މުވައްޒަފުން، އަލަށް އުފައްދާ "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް" އަށް ބަދަލުވެގެންދާނެގޮތް ބަޔާންކުރާ އިންތިގާލީ އުސޫލުތަކެއް، ބިލުގައި ހިމެނުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން ކުރާ ޑިސިޕްނަރީ ކުށްތަކަށް އަދަބު ކަނޑައެޅުމަށް، ބިލުގައި ކަނޑައަޅާފައިވާ ނިޒާމަކީ، ސިވިލް ސާވިސްގެ ގާނޫނާ ތައާރުޒުވާ ނިޒާމެއް ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.