19 Mar 2013, 14:01
އަވަށްޓެރި ޝްރީލަންކާގައި ދިރި އުޅެމުންދާ ދިވެހީންގެ ފަރާތުން އެއްވެސް މައްސަލައެއް ނުވަތަ އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވާ ކަމަށް ލަންކާއިން ބުނެފި އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ލަންކާގެ ރައީސްގެ ތަރުޖަމާން މޯހަން ސަމަރަނަޔަކަ ވިދާޅުވީ އެ ގައުމުގެ ސަރުކާރުގެ ޓެކްނޯލޮޖީ، ރިސާޗް އެންޑް އެޓޮމިކް އެނާޖީ މިނިސްޓަރު ޕަޓާލީ ޗަމްޕިކާ ދެއްކެވި ވާހަކަފުޅަކީ އޭނާގެ އަމިއްލަފުޅު ވިސްނުން ނުވަތަ އަމިއްލަފުޅު ވާހަކައެއް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖެއާ މެދު ޝްރީލަންކާގެ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރު އެ ދެއްކެވި ވާހަކަފުޅަކީ އޭނާގެ އަމިއްލަ ވިސްނުމުގައި ދެއްކެވި ވާހަކަފުޅެއް. އޭނާގެ އަމިއްލަ ވިސްނުން. އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅެއް. އެއީ އަޅުގަނޑުމެން ސަރުކާރުގެ ވިސްނުމެއް ނޫން. ލަންކާގައި ދިރިއުޅޭ ދިވެހީންގެ ސަބަބުން އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވޭ" ރައީސްގެ ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ލަންކާގައި ދިވެހީން ގިނަވުން އެއީ މައްސަލައެއް ކަމަށް ލަންކާގެ ސަރުކާރުން ނުދެކޭ ކަމަށާއި އަދި ލަންކާގައި ދިރިއުޅޭ ދިވެހީންގެ ފަރާތުން އެއްވެސް މައްސަލަތަކެއް ކުރިމަތި ނުވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ދިވެހީން ލަންކާގައި ދިރިއުޅެގެން ލަންކާ ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް އުނދަގޫ ވެގެން ނޫޅޭ ކަމަށެވެ.
ޝްރީލަންކާގެ އޮންލައިން ނޫހެއް ކަމަށް ވާ ލަންކާސީނިއުސްގައި ޗަމްޕިކާ ރަނަވާކާ ވިދާޅުވިކަމަށް ލިޔެފައިވަނީ ރެފިއުޖީންގެ ގޮތުގައާއި އަދި ސިޔާސީ ހިމާޔަތް ހޯދުމަށް ސްރީލަންކާއަށް ޖަމާ ވަމުން ދާ ގިނަ އަދަދެއްގެ ދިވެހިން، އެގައުމުގެ ރަތުމަލަނާ، ނުގޭގޮޑާ އަދި ދެހިވެލަ ސަރަހައްދުގައި ދިރިއުޅެމުންދާ ކަމަށާއި އަދި މި މައްސަލައަކީ ކުރިއަށް އޮތްތަނުގައި އެގައުމުގެ ސަރުކާރަށް ވަރަށް ސީރިއަސް މައްސަލައަކަށް ވެގެން ދާނޭ ކަމެއް ކަމަށެވެ. އެހެން ކަމުން ޝްރީލަންކާގައި ހިމާޔަތް ހޯދުމުގެ ބޭނުމުގައި ގޮސް ވަޒަންވެރިވެގެން އުޅޭ ދިވެހީން އެގައުމުން ބޭރު ކުރުމަށް އޭނާ ވަނީ އެ ގައުމުގެ ސަރުކާރަށް ގޮވައި ލައްވައިފަ އެވެ.
މި ދުވަސްކޮޅު ދިވެހީންނަށް އިންޑިޔާއަށް ދިއުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން ބޭސް ފަރުވާ އާއި އެހެނިހެން ކަން ކަމަށް ޝްރީލަންކާއަށް ދާ ދިވެހީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.