19 Mar 2013, 13:42
އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
މިދިޔަ އަހަރު ސިއްހީ ދާއިރާ އިން ހާސިލްވި ކަންކަމާއި، 2013 ވަނަ އަހަރުގެ އަމާޒުތަކާއި ހެލްތު މާސްޓާ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރެވުނު މިންވަރާއި މި އަހަރަށް ސަރުކާރުން ސިއްހީ ދާއިރާ އަށް ދީފައިވާ ބަޖެޓް ދިރާސާކުރުމަށް ހެލްތު މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ބޭއްވި ޕްލޭނިންގް ރިޓްރީޓް ނިންމަވާލެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. ޝީޒާ އަލީ ވިދާޅުވީ މި އަހަރަށް ބަޖެޓްކޮށްގެން ކުރިއަށްދާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ އިތުރުން ބޭރުގެ އެހީގައި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެއް ކަމަކަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އައްޑު އަތޮޅުގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރުމަށް. އޭގެ ފަންޑްސް މިހާރު ހުރީ ހަމަޖެހިފައި. އެހެންނަމަ ވެސް ޕްރޮޖެކްޓް ފެށުމަށް ގިނަ މަސައްކަތްތަކެއް އަދި ކުރަން ޖެހޭ. މިހާރު ކުރިއަށް މިދަނީ އެ މަސައްކަތްތައް،" ޑރ. ޝީޒާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ އައްޑޫ ހޮސްޕިޓަލުގެ މަސައްކަތަކީ ސައުދީ ފަންޑާއި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޯފިޑް)ގެ އެހީގައި ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ އެ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް އަދި މަސްތަކެއް ނަގާފާނެ ކަމަށާއި ސައުދީ ފަންޑާއި އޯފެކް ފަންޑުން ކަނޑައަޅާފައިވާ ބައެއް ޝަރުތުތައް ހަމަނުވަނީސް މަސައްކަތް ނުފެށޭނެތީވެ ލަސްވެގެން ދަނީ ކަމަށެވެ.
"އެބޭފުޅުންގެ ރިކުއާމަންޓްތަކެއް އެބަހުރޭ. މިސާލަކަށް ބިޑުކުރަންޏާ މަދުވެގެން ހަ ފަރާތަކުން ކުރިމަތިލާން ޖެހޭނެ ކަމަށް. ރާއްޖެ ކުޑަ ވެސް ވީމަ، ހަ ފަރާތަކުން ކުރިމަތިލާ ބިޑެއް ނުހުރޭ. މިކަހަލަ ދަތިތަކެއް މިއުޅެނީ،" ޝީޒާ ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ސިއްހީ ދާއިރާގެ ޕުރޮގުރާމްތަކަށް ބަލާ އިރު، އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތުގެ މަސައްކަތާއި ހުޅުމާލޭގައި ކަރަންޓީން ފެސިލިޓީއެއް ބިނާކުރުމުގެ މަސައްކަތާއި ރ. އުނގޫފާރުގައި ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތާއި މާލޭގައި އާބަން ޕުރައިމަރީ ހެލްތުކެއާ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތާއި ކުޅުދުއްފުށީގައި މެޓާނިޓީ ވެއިޓިންގް ހޯމެއް ބިނާކުރުމުގެ މަސައްކަތާއި ތުއްތު ކުދިންނަށް ބޭނުންވާ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ތަކެއް ގާއިމްކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެ އެވެ.
މީގެ ތެރެއިން އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތާއި އުނގޫފާރު ހޮސްޕިޓަލްގެ މަސައްކަތަކީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.
ހުޅުމާލޭގައި ގާއިމްކުރެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ކަރަންޓީން ފެސިލިޓީއަކީ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.