19 Mar 2013, 13:20
ޖުޑިޝަލް ސާވީސް ކޮމިޝަނުގެ ހުރިހާ މެންބަރުން އެއްކޮށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އަށް މާދަމާ ހާޒިރު ކުރުމަށް ނިންމައިފި އެވެ.
މިއަދު ބޭއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ޖޭސްސީގެ ހުރިހާ މެންބަރުން އެއްކޮން މާދަމާ މެންދުރު ފަހު 2:30 އެ ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ.
ޖޭއެސްސީގެ މެންބަރުން ކޮމެޓީ އަށް ހާޒިރު ކުރަނީ ހުޅުމާލެގައި ކޯޓުގެ ބެންޗް އުފެއްދި ގޮތާއި ބެހޭ ގޮތުން މެމްބަރުނާއި ސުވާލުކުރުމަށެވެ. ހުޅުމާލެ ކޯޓުގެ މައްސަލައިގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން މިހާރު ވެސް ގެންދަނީ ވަކި ވަކި މެންބަރުން ހާޒިރުކޮށް ސުވާލު ކުރަމުންނެވެ.
ޖޭއެސްސީގެ މެންބަރުން އެއްކޮން އެ ކޮމެޓީ އަށް ހާޒިރުވުމަށް އެ ކޮމެޓީން މީގެ ކުރިން ވެސް އަންގާފައިވާ އިރު އޭރު އެ ކޮމިޝަނުން ވަނީ އެ ކޮމެޓީ އަށް ހާޒިރުވުމަށް ދެކޮޅު ހައްދަވާފަ އެވެ.
ނަމަވެސް އެ ކޮމެޓީން ވަނީ ޖޭއެސްސީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެކޮމެޓީ އަށް ހާޒިރުވާން ތިއްބެވި ބޭފުޅުން ވަކި ވަކީން ހާޒިރުކުރާން ފަށާފަ އެވެ.
އެގޮތުން އެ ކޮމިޝަނަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ހޮއްވަވާފައިވާ އަބްދުﷲ ދީދީއާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އާންމުންގެ ތެރެއިން ހޮއްވަވާފައިވާ ޝުވައިބު އަބްދުއްރަހުމާނު އެ ކޮމެޓީ އަށް ހާޒިރުކޮށްފައިވާ އިރު ކޮމިޝަނުގައި ހިމެނޭ ވަކީލުންގެ ތެރެއިން ހޮއްވަވާފައިވާ އަހުމަދު ރަޝީދާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މާދަމާ ހެނދުނު ވަކިވަކިން ވެސް ހާޒިރު ކުރުމަށް ވެސް ކޮމެޓީން މިއަދު ނިންމި އެވެ.
ޖޭއެސްސީގައި ހިމެނިވަޑައިގަންނަ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ހޮއްވަވާފައިވާ އަބްދުﷲ ދީދީއާއި މަޖިލީހުން ޖޭއެސްސީ އަށް ހޮއްވާފައިވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީ އަށް ކަނޑައަޅުއްވާފައިވާ މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި އާންމުންގެ ތެރެއިން ހޮއްވަވާފައިވާ ޝުވައިބު އަބްދުއްރަހުމާނާއި ވަކީލުންގެ ތެރެއިން ހޮއްވަވާފައިވާ އަހުމަދު ރަޝީދެވެ. އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަނެވެ.