19 Mar 2013, 13:11
ޒުވާނުން ވަޒީފާގެ މާހޯލަށް އަހުލުވެރިކުރުމަށާއި ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދާ އެޕަރެންޓިސްޝިޕް ޕްރޮގުރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ އެއް އަހަރާއި ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމްގެ ތެރެއިން އެއް އަހަރު ދުވަހުގެ ޕްރޮގުރާމް ނިންމި 16 ކުދިންނަށާއި ދެ އަހަރު ޕްރޮގުރާމް ނިންމި ދެ ކުދިންގެ އިތުރުން މިދިޔަ އަހަރު އަލަށް އެ ޕްރޮގުރާމް ފެށި 15 ކުދިނަށް ސެޓްފިކެޓް ދީފައިވެ އެވެ. އެ ކުދިންނަށް އެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއީލް ރަޝީދު އާއި ދިރާގުގެ ޗެއާޕާސަން އާތިފް ޝަކޫރް އެވެ.
އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއީލް ރަޝީދު ވިދާޅުވީ އެ ޕްރޮގުރާމްގެ މަގުސަދަކީ ވަޒީފާ އަށް ޒުވާނުން އަހުލުވެރި ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެގޮތުން އެ ޕްރޮގުރާމް ކުރިއަށް ގެންދަނީ ދެބަޔަކަށް ބަހާލައިގެން ކަމަށާއި އެއް ބަޔެއްގައި ކުލާސްތަކުގައި ކުދިނަށް ވަޒީފާ އާއި ގުޅޭގޮތުން ތަމްރީންނުތަށްދޭ އިރު އަނެއް ބައިގައި ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގުރާމަކީ ދިރާގުން ހިންގާ އިޖުތިމައީ ޒިންމާގެ ޕްރޮގުރާމްތަކުގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ޕުރޮގުރާމެއް، މިހާތަނަށް މި ޕްރޮގުރާމްގައި 61 ކުއްޖަކު ބައިވެރިވެފައިވާ އިރު އޭގެ ތެރެއިން އޮންތިރީސް ކުދިން ވަނީ ކާމިޔާބުކަމާ އެކު ޕުރޮގުރާމް ނިންމާފައި." އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޕުރޮގުރާމް ނިންމާ ކުދިންނަކީ ވަޒީފާގެ މާހޯލަށް ތައްޔާރުވެފައިވާ ރަނގަޅު ކުދިންނަށް ވާނެ ކަމަށާއި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެޕުރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީފާގެ ފުރުސަތުތަށް މަދުކަމަށް އަލިއަޅުވާލައި ދިރާގުގެ ޗެއާޕާސަން އާތިފް ޝަކޫރް ވިދާޅުވީ ވަޒީފާ ނުލިބުމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެގޮތުން ވަޒީފާ ހޯދަން އުޅޭ ކޮންމެ ހަތަރު ކުދިންގެ ތެރެއިން އެއްކުއްޖަކީ ވަޒީފާ ހޯދުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކުއްޖެއް ކަމަށެވެ.
ދިރާގުން ކުރިއަށް ގެންދާ އެޕަރެންޓިސްޝިޕް ޕުރޮގުރާމް އަކީ 2009 ވަނަ އަހަރުންފެށިގެން އޭލަވަލް ނިންމާ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުމުގެގޮތުން ދިރާގުން އެކިއެކި އޮފިސްތަކުން ހިންގާ ޕުރޮގުރާމެއް ކަމަށެވެ.