އއ. އުކުޅަހު ސްކޫލްގެ ކުދިންތަކެއް "ޖިންނި މޮޔަވާން" ފަށާފައި ވަނީ އެ ރަށު ސްކޫލްގައި ވޯޓު ފޮށި ބަހައްޓަން ފެށި ހިސާބުން ކަމަށް ތުހުމަތު ކުރެވޭ ކަމަށް އުކުޅަހު ކައުންސިލް އިދާރާ އިން ބުނެފި އެވެ.

އުކުޅަހުގައި ކިޔަވާ އަންހެން ދަރިވަރުން ޖިންނި މޮޔަވުމުންދާ މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް މިއަދު ވިދާޅުވީ ސިޔާސީ ވާދަވެރިކަން އެ ރަށުގައި ވެސް ވަރަށް ބޮޑު ކަމަށާއި އެގޮތުން ޖިންނި މޮޔަވާ ކުދިންގެ ގާތުގައި މަސައްކަތް ކުރާ މީހުން ބުނެފައި ވަނީ އެކަން އެހެން ދިމާވަނީ ސްކޫލްތެރޭގައި އެއްޗެއް ވަޅުލާފައި އޮތުމުން ކަމަށެވެ.

އަދި ސްކޫލެއްގެ ކިޔެވުން ހަލާކުކޮށްލަން އެއްވެސް ބަޔަކު ފަންޑިތަ ހަދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ނަމަވެސް ސްކޫލްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮށްޓަށް ވޯޓުލާންދާ މީހުންގެ ހިތްއަނބުރާލުމަށް ނަމަވެސް ސްކޫލްތެރޭގައި އެއްޗެއް ވަޅުލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޝައުކަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެފަދަ ކަމެއް އެ ރަށު ސްކޫލަށް ދިމާވެފައެއްނުވެ އެވެ. އަދި އެރަށު ސްކޫލް ކުދިން ޖިންނި މޮޔަވެގެން އުޅޭ މައްސަލައިގައި ބައެއް ކައުންސިލްތަކުން ގުޅައި އެރަށްރަށަށް ވެސް އެފަދަ ކަންކަން ސްކޫލްތެރޭ ވޯޓު ފޮށި ބަހައްޓަން ފެށުމުން ދިމާވި ކަމަށް ބުނެފައިވާ ކަމަށެވެ.

ޝައުކަތު ވިދާޅުވި ގޮތުގައި ކުރިން އެ ރަށު އޮފީހުގައި ބަހައްޓަމުން ދިޔަ ވޯޓު ފޮށި ސްކޫލްތެރޭ ބަހައްޓަން ފަށާފައި ވަނީ 2003 ވަނަ އަހަރުން ފެށިގެން ކަމަށެވެ. ނަމަވެސް އޭރަކީ މިހާރު އޮތްވަރަށް ރަށުތެރޭ ސިޔާސީ ފޯރި އޮތް އިރެއް ނޫން ކަމަށް ވެސް ޝައުކަތު ވިދާޅުވި އެވެ.

އުކުޅަހުގައި ސިޔާސީ ފޯރި ގަދަވެ ބައެއް މީހުން ރޯދަ ހިފާ މިސްކިތުގައި ސޮލަވާތް ކިޔާފައިވާ ކަމަށްވެ އެވެ.

އުކުޅަހުގައި ދަރިވަރުން ޖިންނި މޮޔަވެގެން އުޅޭ އިރު މީގެ ކުރިން ހދ. މަކުނުދޫއާއި ނ. މިލަދޫ ސްކޫލް ކުދިންތަކެއް ޖިންނި މޮޔަވެގެން ކިޔަވައިނުދެވިގެން ސްކޫލް ބަންދުކުރަން ޖެހިފައިވެ އެވެ.

ގްރޫޕެއްގެ ތެރޭ ހިނގާ އެފަދަ ކަންކަމަށް "މާސް ހިޒްޓީރިއާ" ނުވަތަ "ގުރޫޕް ހިސްޓީރިއާ" ބޭނުންކުރެ އެވެ. އަދި އެކަންކަން ދިމާވަނީ ގްރޫޕެއްގެ ތެރޭގައި އެއް ކުއްޖަކަށް ދިމާވާ ކަމަކުން އިތުރު ކުދިންނަށް އޭގެ އަސަރުކޮށް ފިޒިކަލީ އަދި އިމޯޝަނަލީ އެ ގްރޫޕެއްގައި ތިބޭ ކުދިންނަށް އަސަރުކޮށްގެން ކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ. އަދި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ހާސްނުވެ އެ ހާލަތަކާ ކުރިމަތިލާންޖެހެ އެވެ.