ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އާ ގުޅިގެން މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފި އެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ މިއަދު 4:00ގައި ބާއްވަން ހަމަޖެހިފައި އޮތް ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައި ވަނީ ތޮލްހަތު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތްހަތުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ގެ ތެރެއިން ކުރީގެ ކޮމިޝަރު އޮފް ޕޮލިސް އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް އަތީފްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ބުނެފަ އެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ތޮލްހަތުގެ މައްޗަށް ވެސް ކޮށްފައި ވަނީ ކުށްނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށާއި އެހެންކަމުން އެގޮތަށް ކަން ހިނގާނެ ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފުލުހުންގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ތޮލްހަތު ވިދާޅުވި ކަމަށެވެ.