19 Mar 2013, 12:54
އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ތަރި ފްރޭންކު ލަމްޕާޑު 34، ހުސްވި ހަފްތާގައި އޭނާގެ ކުލަބު، ޗެލްސީއަށް 200 ލަނޑު ކާމިޔާބު ކުރުމަށްފަހު އިނގިރޭސި ގައުމީ ޓީމަށް ސަތޭކަ މެޗު ކުޅުމުގެ ޝަރަފް ހޯދުމުގެ އުއްމީދުގައި ހުރި ކަމަށް ލަމްޕާޑު ބުނެފި އެވެ.
ޗެލްސީ އެންމެފަހުން ވެސްޓްހެމް ޔުނައިޓެޑާ ދެކޮޅަށް ސްޓެމްފޮޑް ބްރިޖްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ލަމްޕާޑު ކާމިޔާބު ކުރި އިރު އެ ލަނޑަކީ އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން 200 ވަނަ ލަނޑެވެ. އަދި 200 ވަނަ ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ މީގެ 11 އަހަރު ކުރިން އެ ޓީމަކުން އޭނާ ޗެލްސީއަށް ބަދަލުވި ޓީމުގެ ގޯލަށެވެ.
ޗެލްސީއަށް 200 ލަނޑު ކާމިޔާބު ކޮށްދިން ދެ ވަނަ ކުޅުންތެރިޔާގެ ޝަރަފް ލަމްޕާޑަށް ލިބުނު އިރު އޭނާ ބުނެފައި ވަނީ މިހާރު އޭނާގެ އެންމެ ބޮޑު އުއްމީދަކީ އިނގިރޭސި ގައުމީ ޓީމަށް 100 މެޗު ކުޅުމުގެ ޝަރަފް ލިބުން ކަމަށެވެ. މިހާތަނަސް 94 މެޗު އިންގުލެންޑު ޓީމަށް އޭނާ ކުޅެފައިވާ އިރު މިހަފްތާ ތެރޭގައި ޓީމުން ޖާގަ ލިބިއްޖެ ނަމަ އިތުރު ދެ މެޗު ކުޅުމުގެ ފުރުސަތު ލަމްޕާޑަށް ލިބޭނެ އެވެ.
"މިހާރު އިންގުލެންޑު ޓީމަށް މިކުޅެވުނީ 94 މެޗު. ކުރިއަށް އަދި ހަ މެޗު އެބައޮތް. އެއީ ވަރަށް ދިގު އިންތިޒާރެއް. މެޗަކަށްފަހު މެޗެއް ކުޅެވޭތޯ އަހަރެން މަސައްކަތް ކުރާނަން،" ލަމްޕާޑު ބުންޏެވެ.
ލަމްޕާޑު ބުނެފައި ވަނީ ގައުމީޓީމުގައި އޭނާ ހޭދަކުރަމުންދާ ދުވަސްތަކަކީ ވަރަށް ހިތްހަމަޖެހޭ އަދި އުފާވެރި ދުވަސްތަކެއް ކަމަށާއި އަދި ޓީމުގެ ކޯޗު ރޯއީ ހޮޖްސަންގެ ބެލުމުގެ ދަށުން ޓީމުގެ ކުރިއަށް ދަނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.
ކުރިއަށް އޮތް 16 ވަރަކަށް ދުވަހުގެ ތެރޭގައި ހަ މެޗު ޗެލްސީއަށް ކުޅެން ޖެހޭއިރު ލަމްޕާޑުފަދަ ފުޓްބޯޅައިގައި އުމުރުން ދޮށީ ކުޅުންތެރިއަކަށް އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް 200 ލަނޑު ކުލަބަށް ކާމިޔާބު ކޮށްދިނުމަށްފަހު ޗެލްސީއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޗެލްސީގެ ކުރީގެ ތަރި، ބޮބީ ޓެމްބްލިންގެ 202 ލަނޑުގެ ރެކޯޑު މުގުރާލުމުގެ އުއްމީދުގައި ހުރި ލަމްޕާޑު ހުރީ ކުރިއަށް ހުރި ހުރިހާ މެޗުތައް ވެސް ކުޅެން ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
ހުނަރުވެރި މިޑްފީލްޑަރު ބުނީ އޭނާ ޗެލްސީއާ ފުރަތަމަ ގުޅުނުއިރު 200އާއި ގާތްކުރާ އަދަދަކަށްވެސް ލަނޑު ކާމިޔާބު ކުރެވިދާނޭ ކަމަކަށް ހީ ނުކުރާ ކަމަށާއި އެމީހަކާ ވާދަކުރުމަށް އޭނާ ލޯބިކުރާ މީހަކު ހުރިކަމުގައި ވަނީނަމަ އެއީ ބޮބް ޓޭމްބްލިން ކަމަށް ލަމްޕާޑު ބުންޏެވެ. އަދި ބޮބީ އަކީ ލަމްޕާޑުގެ ފުޓްބޯޅަ ކެރިއަރުގައި އޭނާއަށް ވަރަ ގިނަ ގޮތް ގޮތުން އެހީތެރިވެދީފައިވާ އޭނާ ވަރަށް އިހްތިރާމް ކުރާ ޝަހުސިއްޔަތެއް ކަމަށް ވެސް ލަމްޕާޑު ބުނެފައި ވެއެވެ.