19 Mar 2013, 12:51
ވަކި ސަބަބެއް ނާންގާ އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިން އިންޑިއާ ދޫކޮށް ދިއުމަށް އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަނުން އަންގަމުންދާ ކަމަށް ސަން އަށް މައުލޫމާތު ލިބިއްޖެ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދިން އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތެއް ކަމަށްވާ މުހައްމަދު އަޝްރަފް ބުނީ މިމަހުގެ 14 ވަނަ ދުވަހު އޭނާ އަށް އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަނުން، އިންޑިއާ ދޫކޮށް ދިއުމަށް ހަތް ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެންމެ ފުރަތަމަ ދިން އަމުރުގައި ބުނެފައި ވަނީ ހަތް ދުވަހުގެ ތެރޭގައި އިންޑިއާ ދޫކޮށް ދާން ޖެހޭނެ ކަމަށް. ދެން އަޅުގަނޑު އެދުނީ މިމަހުގެ ތެރޭގައި ދަރިފުޅުގެ ސްކޫލު ނިމޭނޭ، ނިމެންދެން މަޑުކޮށްލަން ފުރުސަތު ދިނުމަށް. މިހާރު އަންގާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާ ދޫކޮށް ދިއުމަށް،" އިންޑިއާގައި ހުރެ، ސަންއަށް މައުލޫމާތު ދެމުން އަޝްރަފް ވިދާޅުވި އެވެ.
އިންޑިއާގެ ޓްރިވެންޑުރަމްގައި އާއިލާއާ އެކު 2008 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން އަންނަ އަޝްރަފަށް އިންޑިއާ ދޫކޮށް ދިއުމަށް އެންގި ސަބަބާ މެދު ސުވާލުކުރުމުން، އޭނާ ބުނީ ފުރަތަމަ ޖަވާބެއްގެ ގޮތުގައި ދީފައިވާ ޖަވާބަކީ "މިތާގައި ދިރިއުޅޭ ބޭރު މީހުންނަށް ސަބަބު އަންގާކަން ނުޖެހޭނެ" ކަމަށެވެ.
އޭގެ ފަހުން މައްސަލަ އޮޅުން ފިލުވައިދެމުން ބުނެފައި ވަނީ އަޝްރަފް ދިރިއުޅޭ ގޭގެ ނަމުގައި ގިނަ އަދަދެއްގެ ސީ-ފޯމުތަކެއް ހުށަހެޅި މައްސަލަ ކަމަށާއި މިކަމާ ގުޅިގެން ގާނޫނާ ހިލާފު ވިޔަފާރިކުރި ކަމުގެ ތުހުމަތު އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަނުން ކޮށްފައިވާ ކަމަށް އަޝްރަފް ބުނެ އެވެ.
"ދެން ބުނީ ސީ-ފޯމް ގިނައީއޭ. އެ ދުވަސްވަރަކީ ރާއްޖޭގައި ޗުއްޓީ ދުވަސްވަރު ކަމަށް ވުމުން، އާއިލާގެ މީހުން ޒިޔާރަތްކުރި. އެ މީހުންގެ ސީ-ފޯމުތައް ހުންނާނެ. އެކަމަކު ސީ-ފޯމު ގިނަވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމެއް އެނގިފައެއް ނެތް،" އަޝްރަފް ބުންޏެވެ.
ސީ-ފޯމަކީ އިންޑިއާ އަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތައް މަޑުކުރާ ގެއެއް ނުވަތަ ހޮޓަލެއް އެންގުމަށް ފުރުމަށް ފަހު އެ ސަރަހައްދެއްގެ ޕޮލިސް ސްޓޭޝަނަށް އަދި ރެޖިސްޓްރޭޝަން އޮފީހަށް ފޮނުވާ ފޯމެކެވެ.
މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އިންޑިއާ ދޫކޮށް ދިއުމަށް އަޝްރަފަށް އަންގާފައިވާ ލިޔުމުގެ ކޮޕީއެއް ސަން އަށް ވަނީ ލިބިފަ އެވެ.
އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަންގެ ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފިސާ ކޭ ކޭ ޖަޔަމޯހަން ސޮއިކުރައްވާފައިވާ އަމުރުގައި އިންޑިއާގެ ދެގާނޫނަކާ ހަވާލާދީ ބުނެފައި ވަނީ 31 މާޗުގެ ކުރިން އިންޑިއާ ދޫކޮށް ނުގޮސްފިނަމަ، އަޝްރަފްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.
މިލިޔުމުގައި ހަވާލާދީފައިވާ ދެ ގާނޫނަކީ ވެސް އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަނަށް ބާރުތަކެއް ލިބިދޭ ދެމާއްދާ އެވެ. އިންޑިއާ ދޫކޮށް ދިއުމަށް އަޝްރަފަށް އަންގާ ސަބަބެއް އަމުރުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އަމުރުގައި ހަވާލާދީފައިވާ ދެ ގާނޫނަކީ އިންޑިއާގެ ބޭރު މީހުންނާ ބެހޭ ގާނޫނު (ފޮރިނާސް އެކްޓް، 1946) އަދި ފޮރިނާސް އޯޑާ (1948) އެވެ.
ބޭރު މީހުންނާ ބެހޭ ގާނޫނުން ހަވާލާދީފައިވާ މާއްދާއަކީ، އެ ގާނޫނުގެ ސަބް- ސެކްޝަން ދޭއްގެ ސެކްޝަންގެ ތިނެކެވެ. މިމާއްދާގައި ބުނެފައި ވަނީ އިންޑިއާ އަށް ބޭރު ގައުމެއްގެ ރައްޔިތެއް ވަނުން މަނާކުރުން، ނުވަތަ ބޭރުކުރުމަށް، ނުވަތަ ފުރުން މަނާކުރުމުގެ ބާރު އިންޑިއާގެ ސެންޓްރަލް ގަވަމަންޓް (މަރުކަޒީ ސަރުކާރަށް) ލިބިގެންވާ ކަމަށެވެ.
ފޮރިނާސް އޯޑާއާ ހަވާލާދީފައިވާ މާއްދާއަކީ އެގާނޫނުގެ 11 ވަނަ މާއްދާ އެވެ. ފޮރިނާސް އޯޑާގެ ގަވާއިދަކީ، ބޭރު މީހުންނާ ބެހޭ ގާނޫނުން އިންޑިއާގެ މަރުކަޒީ ސަރުކާރަށް ލިބިދީފައިވާ ބާރުތައް ސިވިލް އޮތޯރިޓީތަކަށް ޑެލިގޭޓްކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މިގަވާއިދުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ އިންޑިއާގައި ދިރިއުޅޭ ބޭރުގެ ރައްޔިތެއް ހުންނަ ތަން ކަނޑައެޅުމާއި އޭނާ އަށް ދެވޭނެ ތަންތަނާއި ބައްދަލުކުރެވޭނެ މީހުން އަދި ގެންގުޅެވޭނެ ތަކެތި ކަނޑައެޅުމުގެ ބާރު ސިވިލް އޮތޯރިޓީތަކަށް ލިބިގެންވާ ކަމަށެވެ.
އަޝްރަފް ބުނީ މިހާ ކުއްލި ގޮތަކަށް އިންޑިއާ ދޫކޮށް ދާން އަމުރުކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ.
"ދެހާސް އަށް ވަނަ އަހަރުން ފެށިގެން މިއުޅެނީ މިތާގައި. ދާން އެންގީމާ ޖެހޭނީ ދާން. އެކަމަކު ކުއްލި ގޮތަކަށް ޓިކެޓުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ނެތް. ހިފާ ގެންގުޅޭ ހުރިހާ ސާމާނަށް ހަދާނެ ގޮތެއް ނޭނގޭ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް ވަރަށް ހާސްވެފައި އާއިލާ އޮތީ،" އޭނާ ބުންޏެވެ.
އަޝްރަފް ބުނީ މިކަމާ ގުޅިގެން އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސުލްއާ ވާހަކަ ދައްކާފައިވާ ނަމަވެސް އަދި ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
އަޝްރަފް ބުނީ މިމައްސަލާގައި ރެޖިސްޓްރޭޝަން އޮފިސަރާ ވާހަކަދެއްކުމުން ވެސް ހައްލެއް ލިބިފައިނުވާ ކަމަށާއި ކުރިއަށް އޮތްތާގައި އިތުރު ދިވެހިންނަށް މިއަމުރު ދާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
"ވާހަކަ ދެއްކީމަ ބުނީ ކުރެވޭނެ ކަމެއް ނޯންނާނޯ. ކުރިން ވެސް ދިވެހިންތަކަކަށް މިއަމުރު ފޮނުވާފައިވާނެ ކަމަށް. އަދި ކުރިއަށް އޮތްތާގައި ވެސް އިތުރު ދިވެހިންނަށް މިއަމުރު ފޮނުވާނެ ކަމަށް." އަޝްރަފް ބުންޏެވެ.