19 Mar 2013, 12:45
ޖިނާއީ މައްސަލަތަކުގައި ބޭރު ގައުމުތަކާ އެކު ރާއްޖެ އިން މަސައްކަތް ކުރުމަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅުއްވައި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދެވެ.
ބިލް ހުށަހެޅުއްވި މަގުސަދު ބަޔާން ކޮށްދެއްވަމުން އަހުމަދު ވިދަޅުވީ ބޭރު ގައުމެއްގައި ހިނގާ ޝަރީއަތަކަށް ނުވަތަ ތަހުގީގަކަށް ދިވެއްސަކު ހެކި ދިނުމަށް ޓަކައި އަމަލު ކުރަން ޖެހޭ ގޮތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ މުދާ ރާއްޖެ އިން ހިފެހެއްޓުމާއި އެފަދަ މުދަލުން މުއާމަލާތް ކުރުން ހުއްޓުވުމަށް ބޭރު ގައުމުތަކުން ނެރޭ އަމުރުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ބޭރު ގައުމުތަކުން ހުށަހަޅާ ހުށަހެޅުންް ރާއްޖެ އިން ތަފީޒު ކުރާނެ ގޮތް ވެސް އެ ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
"ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގައި ހިނގާ ޝަރީއަތެއްގައި ހެކި ދިނުމަށް ނުވަތަ ތަހުގީގަކަށް އެހީތެރިވެދިނުމަށް ޓަކައި ރާއްޖޭގައިވާ މީހަކު އެ ގައުމަށް ފޮނުވުމުގެ އިމްތިޒާމް ހަމަޖައްސައި ދިނުމަށް އެދި އެ ގައުމަކުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ އިމްތިޒާމްތައް ހަމަޖައްސައިދިނުން،" އަހުމަދު ވިދާޅުވި އެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލަކީ 55 މާއްދާއެއްގެ މައްޗަށް އެކުލެވޭ ބިލެކެވެ. އެ ބިލުގައި 10 ބާބު އެކުލެވިގެންވެ އެވެ.
އެ ބިލުގެ ބަހުސްގެ މަރުހަލާގައި ގިނަ މެންބަރުން ވަނީ އެ ބިލަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެ ބިލަކީ ބޭރުގައުމުތަކާ ގުޅިގެން ދިވެހިން ހިންގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފަހި މަގެއް ހުޅުވައިދޭނެ ބިލެއް ކަމަށް ވިދާޅުވެ މެންބަރުން ވާހަކަފުޅު ދެއްކެވި އެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލެއް ސަރުކާރުން ހުށަހަޅާފައިވާ އިރު، ބައިނަލްއަގުވާމީ ފެންވަރުގައި ދުރާލައި ރޭވިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވުމަށް ޓަކައި އެފަދަ ބޮޑެތި ޖަރީމާ ތަކާ ދެކޮޅަށް އދ. އިން އެކުލަވާލައިވާ ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސްގައި ރާއްޖެއިން ވަނީ މިއަހަރު ސޮއިކޮށްފަ އެވެ.