ޔުއެފާ ޔޫރޮޕާ ލީގުގެ ފަހު 16ގައި އިޓަލީގެ އިންޓަ މިލާނާއި އިނގިރޭސި ވިލާތުގެ ޓޮޓެންހަމް މިލާނުގެ ސެންސީރޯގައި މެޗު ކުޅެމުންދިޔަވަގުތު އިންޓަގެ ސަޕޯޓަރުން ޓޮޓެންހަމްގެ ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކޮށް ކުޅިވަރުގެ ރޫހާއި ހިލާފް އަމަލުތަކެއް ހިންގާފައި ވާތީ ނަސްލީ ތަފާތު ކުރުމުގެ ތުހުމަތާއި އިންޓަމިލާނުން ކުރިމަތިލާން ޖެހިއްޖެ އެވެ.

ވިލާތުގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ޔުއެފާ) އިން ހޯމަ ދުވަހު ބުނެފައި ވަނީ ސަޕޯޓަރުންގެ ފަރާތުން ނަސްލީގޮތުން ދިމާކުރުމުގެ އަމަލުތަކެއް ފެނިފައިވާތީ އާއި ދަނޑުމައްޗަށް އެއްޗެހި އުކުމާއި، ދަނޑުގެ އިންތިޒާމްތަކުގެ ފެންވަރުދައް ވުމުގެ ސަބަބުން އެ އިދާރާއިން އެމައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމް ހަތަރު ލަނޑު އެއްލަނޑުން އިންޓައަތުން ބަލިވި މެޗުގައި ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިން އެ ކުލަބުގެ ޓޯގޯ ފޯވަޑް އެމަނުއެލް އަޑެބަޔޯއާ ދިމާކޮށް އޭނާއަކީ ރާމާމަކުނެއް ކަމަށް ސިފަކޮށް ސެންސީރޯގެ ސަޕޯޓަރުން އަޑުއުފުލައި ޕްލާސްޓިކު ދޮންކެޔޮވަކެއް ދައްކައި އަޑެބަޔޯއަށް ނަސްލީގޮތުން ފުރައްސާރަ ކޮށްފައިވާ ކަމަށް ވެއެވެ.

ބުރާސްފަތި ދުވަހުގެ މެޗުން ޓޮޓެންހަމް ބަލިވީނަމަވެސް ދެ ލެގުގެ ނަތީޖާ ހަތަރެއް ހަތަރަކުން އެއްވަރުވެ ރަށުން ބޭރުގައި ޖެހި ގޯލްގެ ތަފާތުން ކުއާޓާ ފައިނަލުން ޖާގަ ލިބިފައިވަނީ ޓޮޓެންހަމް އަށެވެ. އެ ކުލަބުގެ ކޯޗު ޕޯޗުގީޒުގެ އަންދްރޭ ވިއަސް-ބޮއަސް ބުނީ މެޗު ނިމުނުފަހުން ވަރަށް ސާފުކޮށް އިންޓަގެ ސަޕޯޓަރުން އަޑެބަޔޯއަށް ފުރައްސާރަކޮށް ކިޔަމުންދިޔަ ލަވައިގެ އަޑު އިވިފައިވާ ކަމަށާއި އަދި އެކަމާދޭތެރޭ ޔުއެފާއިން ފިޔަވަޅު އަޅާނޭ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިޓަލީ ލީގުގައި އިންޓައާއި އޭސީމިލާން ބައްދަލު ކުރިމެޗުގައި އިންޓަގެ ކުރީގެ ތަރި މާރިއޯ ބަލެޓޮލީ އާއި އިންޓަގެ ފޭނުން ނަސްލީގޮތުން ދިމާކޮށް ފުރައްސާރަ ކޮށްފައި ވާތީ މިދިޔަ މަހު ވަނީ 50000 ޔޫރޯއިން އިންޓަ މިލާން ޖޫރިމަނާ ކޮށްފަ އެވެ.

ހަމަ އެއާއެކު އިޓަލީގެ ލާޒިއޯގެ ސަޕޯޓަރުންގެ ފަރާތުން ހިންގާފައިވާ އެފަދަ ނަސްލީގޮތުން ދިމާކުރުމުގެ އަމަލުތަކުގެ ސަބަބުން އެ ކުލަބު ކުލަބު ކުޅެންޖެހޭ ވިލާތުގެ މެޗްތައް ކުޅިބަލާމީހުން ނުވައްދައި ގޭޓް ތަޅުލައިގެން ކުރިއަށް ގެންދިއުމަށް ވެސް ޔޫއެފާއިން ވަނީ އެކުލަބުގެ މައްޗަށް އަމުރު ކޮށްފަ އެވެ.