"ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް" މި ނަމުގައި ގައުމީ ހަރަކާތުން ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މެންބަރުން ނިޒާމީ މައްސަލަ ނެންގެވުމުން، އިމްތިޔާޒުގެ މައްސަލާގައި ފިޔަވަޅު އަޅުއްވާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާންކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު، މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކުގައި ފާހަގަ ކުރެއްވީ ގައުމީ ހަރަކާތުން ރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިވަޑައިގެން، މަޖިލީހުގެ އަގުވެއްޓޭ ގޮތަށް ބަޔަކު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކުގައި އެ ވާހަކަފުޅު ތަކުރާރު ކުރައްވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އިމްތިޔާޒުގެ މައްސަލާގައި އިމްތިޔާޒުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އިމްތިޔާޒުގެ މައްސަލާގައި ފިޔަވަޅު އަޅުއްވާނީ މަޖިލީހުގެ ތަޅުމަށް އެކަން ހުށަހަޅުއްވައިގެންތޯ ނުވަތަ ކޮމެޓީ މަރުހަލާއަކުން ކަމެއް ރިޔާސަތަކުން ވިދާޅެއްނުވެ އެވެ.

އިމްތިޔާޒުގެ ގާނޫނުގެ (4) ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ގަދަރާއި އެ މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދޭފަދަ ނުވަތަ ހުރަހެއް އެޅިދާފަދަ ކޮންމެ އަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބިދުން ކަމަށް ބުނެފައިވެ އެވެ. އަދި އެ މާންދާގައި އިމްތިޔާޒަށް އަރައިގަތުމަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެ އެވެ. މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފިނަމަ އަދަބެއްގެ ގޮތުގައި ޖޫރިމަނާ ކުރުމާއި ޖަލަށް ލެވިދާނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

ގައުމީ ހަރަކާތުން ރޭ ބޭއްވި އެއްވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތައް މަޖިލިސް ދީލާނުލާނަމަ މަޖިލިސް ދައުރު ނިމުމުގެ ކުރިން މެންބަރުން އެ ތަނުން "ނެރޭނެ" ކަމަށް ވިދާޅުވެ، އިމްޒާރުދެއްވާފައިވެ އެވެ.