19 Mar 2013, 10:17
އަވައްޓެރި އިންޑިޔާގެ މަހާރާޝްތުރާގެ ރަތުނަގިރި އަވަށުގެ ބުރިޖެއްގެ މަތިން ދުއްވާފައިދިޔަ ބަހެއް ކޯރެއްގެ ތެރެއަށް ފުރޮޅާލައިގެން ވެއްޓުމުގެ ސަބަބުން އެއިން ދަތުރުކުރި ޕަސިންޖަރުންގެ ތެރެއިން 37 މީހުން މަރުވެއްޖެ އެވެ.
ރޭ މެންދަމު 3:30 ހާއިރު، ގޯއާއިން މުމްބާއީ އަށް ދަތުރުކުރި ބަސް ފުރޮޅާލައިގެން ވެއްޓިފައި ވަނީ ރަތްނަގިރީގެ ޖަގޫދީ ބްރިޖްމަތިން ދުއްވާފައި ދަނިކޮށް ބަސްދުއްވަން އިން ޑްރައިވަރަށް ބަސް ކޮންޓްރޯލް ނުކުރެވިގެން ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. އަދި އެ ހާދިސާގައި މަރުވި މީހުންގެ އިތުރުން 17 މީހަކު ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެ އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަންދު ކުމާރާ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ ބަހުން ދަތުރު ކުރި މީހުންގެ މައުލޫމާތު ޓްރެވަލް އޭޖެންސީއާ ގުޅިގެން މިހާރު ފުލުހުން ސާފުކުރަމުން ގެންދާކަމަށާއި އަދި ބަސް ދުއްވި ޑްރައިވަރު މިހާރު ހުރީ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ޑްރައިވަރު ވެސް ވަނީ އެ ހާދިސާގައި ޒަހަމް ވެފައި ކަމަށެވެ.