19 Mar 2013, 10:02
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އިން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ބައިވެރިންނަށް ދަތުރު އެލަވަންސް ދިނުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް އެ ކޮމިޝަނުން އަމަލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އިއްޔެ އާންމުކޮށްފައިވާ އެޗްއާރްސީއެމްގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ އެކިއެކި ބޭނުންތަކަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ކުރާ އިރު ދަތުރު އެލަވަންސާއި ކެއުމުގެ ހަރަދު ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ދީފައިވާ ކަމަށެވެ.
"މާލިއްޔަތާ ބެހޭ ސާކިއުލާ ނަމްބަރު 2012/01ގެ 5.09 އަދި 5.19 ވަނަ މާއްދާގައި ކަނޑައަލާފައިވާ ރޭޓްތަކަށް ވުރެ ބޮޑުކޮށް ދަތުރު އެލަވަންސަށާއި ކެއުމުގެ ހަރަދަށް ފައިސާ ދެއްވާފައިވާކަން ފާހަގަކުރަމެވެ." އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އެޗްއާރްސީއެމްގެ 2012ގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެޗްއާރްސީއެމް އިން އެކިއެކި ފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކުގެ ތެރެއިން 25،000ރ. އަށް ވުރެ އަގުދަށް މަސައްކަތްތައް ހަވާލުކުރުމުގައި މާލިއްޔަތު ގަވައިދުގައިވާ ގޮތުގެމަތިން އެއްބަސްވުމުގައި ސޮއިކުރަން ބުނެފައިވީ ނަމަވެސް އެގޮތަށް އަމަލުކޮށްފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އެޗްއާރްސީއެމްގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މާލިއްޔަތު ގަވައިދުގައި އެއްފަހަރާ ގަންނަ ތަކެތީގެ އަގު 25000ރ. އަށް ވުރެ ބޮޑުވާ ނަމަ ނުވަތަ މަސައްކަތުގެ އަގު 25000ރ. ހަމަނުވާ މަސައްކަތެއް ކުރަންވެއްޖެ ނަމަ އެންމެ މަދުވެގެން ތަފާތު ތިން ފަރާތަކުން ލިޔުމުން އަގު ހޯދަންވާނެ ކަމަށާއި އަދި އެ މަސައްކަތް ހަވާލުކުރަން ވާނީ އޭގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ފެންނަ ފަރާތަށްކަމަށް ބުނެފައިވީ ނަމަވެސް އެޗްއާރްސީއެމް އިން ބޭނުންވާ ތަކެތި ގަތުމުގައި ނުވަތަ މަސައްކަތް ހަވާލުކުރުމުގައި ބައެއް ފަހަރު ތަފާތު ތިން ފަރާތުގެ އަގު ބަލާފައި ނުވާ ކަމަށެވެ.
ދެ ހާސް ބާރަ ވަނަ އަހަރު އެ ކޮމިޝަނުން ގަވައިދަށް އަމަލު ކޮށްފައިވާ މިންވަރާ ގުޅެގޮތުން އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައި ވަނީ އެކޮމިޝަނުން 2012 ވަނަ އަހަރަށް މަޖިލީހުން ކަނޑައަޅުއްވާފައިވާ ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދު ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި އޮޑީޓަ ޖެނެރަލްގެ ލަފާފުޅުގައި ވަނީ އެކޮމިޝަނުން ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަށް އިސްލާހް ކުރުމަށް އަންގާފަ އެވެ.