އިއްޔެ ހަވީރު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެކެއް ސުމަކުން މޮޅުވެ ދިވެހި ލީގު ތާވަލުގެ އެއްވަނައަށް ނިއުރޭޑިއެންޓު ޖެހިލައިފި އެވެ.

ހުސްވި ސީޒަންގައި އެންމެ ކާމިޔާބު އަދި މިއަހަރުގެ ސީޒަންގައިވެސް އެންމެ ވަރުގަދައަށް ތައްޔާރުވެފައިވާ ނިއުއަށް މިއަހަރު އަލަށް ލީގަށް އެރި ބީޖީކައިރިން މޮޅުވެވުނީ ވަރަށް އުނދަގުލުންނެވެ. އެގޮތުން މުޅި މެޗުގައިވެސް ވަރުގަދަ ޑިފެންސިވް ކުޅުމެއް ކުޅުނު ބީޖީގެ ގޯލު ނިއުއަށް ހުޅުވައިލެވުނީ މެޗުގެ 56 ވަނަ މިނިޓުގައި ނިއުރޭޑިއެންޓުގެ ޑިފެންޑަރު އަޙްމަދު ޢަބްދުﷲ ކާމިޔާބުކޮށްދިން ލަނޑުން ނެވެ.

އިއްޔެގެ މެޗުގައި ނިއުއިން މުޅި ޓީމު އެއްކޮށް ކުރިއަށްޖެހިގެން އެޓޭކިން ގޭމެއް ކުޅުނު ނަމަވެސް ބީޖީގެ ޑިފެންސްލައިން ފޫއަޅުވާލާފައި ނިއުއަށް އިތުރު ގޯލެއް ކާމިޔާބު ކުރެވޭގޮތް ނުވެ މެޗު ނިމުނީ އެކެއް ސުމަކުން ނިއު މެޗުކާމިޔާބު ކޮށްގެން ނެވެ.

މުބާރާތުގައި ކޮންމެ ޓީމެއް މިހާތަނަށް ދެމެޗު ކުޅުނުއިރު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޖެހިގޯލުގެ ބޮޑު ތަފާތަކުން ފައިދާ 10 ގޯލާއި ހަޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ނިއު އޮތް އިރު ތާވަލުގެ ދެވަނައިގައި ޖެހިގޯލާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެ ހަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ކުލަބު ވެލެންސިޔާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓު ހޯދައިގެން ހަތަރު ވަނައިގައި ކުލަބު އީގަލްސް އޮތް އިރު ތާވަލުގެ ފަސްވަނައިގައި އެންމެ ޕޮއިންޓެއް ލިބިގެން އޮތީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ބައިކޮޅަށް 15 ގޯލްވަދެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ވީބީ އައްޑޫ އެފްސީ އެވެ.

ދިވެހި ލީގުގައި ދެން މެޗެއް އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ވީބީ އައްޑު އެފްސީއާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.