އިސްތަންބޫލް (މާޗް 19): ސޫރިޔާގެ އިދިކޮޅު ކޯލިޝަނުން އެކުލަވާލާ އިންތިޤާލީ ސަރުކާރުގެ ވެރިއަކަށް ޣާއްސަން ހީތޫ އިންތިޚާބުކޮށްފި އެވެ.

ހީތޫ އިންތިޚާބުކުރީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް މަސައްކަތްކުރާ އެގައުމުގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން އެކުލަވާލާފައިވާ ކޯލިޝަންގެ އިސްފަރާތްތަކުން ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެބޭފުޅުންގެ މެދުގައި ސިއްރު ވޯޓެއް ނަގައިގެންނެވެ. ސޫރިޔާގެ ކުރުދީ ނަސްލަށް ނިސްބަތްވާ ޣާއްސަން ހީތޫ އަކީ ޓެކްނިކަލް ބޭފުޅެކެވެ. އެމެރިކާގައި ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ބެހޭ އެތައް ކުންފުނިތަކެއް ހިންގަވައި 25 އަހަރުގެ ތަޖްރިބާ އޭނާ ޙާސިލްކުރައްވާފައިވެ އެވެ.

ސޫރިޔާގެ ކުރީގެ ރައީސް ޙާފިޟުލްއަސަދުގެ ވެރިކަމުގައި 1982 ވަނަ އަހަރު ޣާއްސަން ހީތޫ ވަނީ ސޫރިޔާ ދޫކުރައްވާފައި އެމެރިކާއަށް ހިޖްރަކުރައްވާފަ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ރަސްމީކޮށް އޭނާ ބައިވެރިވެވަޑައިގަތީ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާދެކޮޅަށް 2011 ވަނަ އަހަރުގެ ކުރީކޮޅު ސޫރިޔާގެ ރައްޔިތުން އުތުރިއަރަން ފެށުމާއެކުގަ އެވެ. ސޫރިޔާގެ އިދިކޮޅު ކޯލިޝަނުން އިންތިޤާލީ ސަރުކާރެއް އެކުލަވާލަން މަސައްކަތްކުރަނީ ޢަރަބި ޚާރިޖީ ވަޒީރުންގެ މަޖިލީހުން އެކަމަށް އެދުމާގުޅިގެންނެވެ.

އިންތިޤާލީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ކޯލިޝަނުން މީގެކުރިން ދެފަހަރެއްގެ މަތިން މަސައްކަތްކޮށް އެކަން ވަނީ ނާކާމިޔާބުވެފަ އެވެ. ނާކާމިޔާބުވީ ސޫރިޔާގެ އިދިކޮޅު ލީޑަރުންގެ މެދުގައިވާ ފިކުރީ އަދި ސްޓްރެޓީޖިކް ޚިލާފުތަކުގެ ސަބަބުންނެވެ. ސޫރިޔާގެ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ތަފާތު ޖަމާއަތްތަކަކީ ފިކުރީގޮތުންނާއި ސްޓްރެޓީޖިކް ވިސްނުމުގެ ގޮތުން ވަރަށް ތަފާތު އަދި ބައިބައިވެފައިވާ ޖަމާއަތްތަކެކެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން އެކުލަވާލާ އިންތިޤާލީ ސަރުކާރުގެ މައިގަނޑު ބޭނުމަކީ ބޭރުގައުމުތަކުގައި ސޫރިޔާގެ ރައްޔިތުން ތަމްޘީލްކުރުން ކަމަށް މުރާސިލުން ދެކެ އެވެ. މީގެއިތުރުން ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ކުއްލިއަކަށް ވެއްޓޭ ގޮތް ދިމާވެއްޖެ ނަމަ ސޫރިޔާގައި ރިޔާސީ ހުސްކަމެއް އުފެދުމުގެ ފުރްސަތު ނުދިނުމަކީވެސް މިފަދަ ސަރުކާރެއް އެކުލަވާލާ ސަބަބެއްކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)