ވޮޝިންޓަން (މާޗް 19): އެމެރިކާ މިހާރު ގެންގުޅޭ ޢަސްކަރީ ސްޓްރެޓެޖީއަށް ބަދަލުގެނައުމާ މެދު ވިސްނައި ބަދަލު ގެންނަން ޖެހޭ ކަންތައްތައް ފާހަގަކުރުމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް، އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން)ގެ އިސްމަސްއޫލުވެރިންނަށް އަމުރުކުރައްވައިފި އެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ރޮއިޓާސް ޚަބަރުދޭގޮތުގައި އެމެރިކާ މިހާރު ގެންގުޅޭ ޢަސްކަރީ ސްޓްރެޓެޖީއަށް ބަދަލުގެންނަންޖެހޭކަން ނުވަތަ ނޫންކަން ބަލަންޖެހެނީ އެމެރިކާގެ މިއަހަރުގެ ދިފާއީ ބަޖެޓް ވަރަށް ބޮޑަށް ކުޑަކޮށްފައިވުމުގެ ސަބަބުންނެވެ. އެމެރިކާ ޢަސްކަރީ ސްޓްރެޓެޖީ އަށް އެންމެ ފަހުން ބަދަލުގެނަސްފައި ވަނީ 2012 ވަނަ އަހަރު އެވެ. ޗަކް ހެގްލް، އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސްމަސްއޫލުވެރިންނަށް އަމުރުކުރައްވާފައި ވަނީ އެމެރިކާ ޢަސްކަރީ ސްޓްރެޓެޖީގައި އެންމެ އިސްކަންދޭންޖެހޭ ކަންތައްތައް ފާހަގަކުރުމާއި ކުރިޔަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި އެމެރިކާއަށް ކުރިމަތިވާނެ ކަމަށް ބެލެވޭ ބައިނަލްއަޤްވާމީ ގޮންޖެހުންތައް ދެނެގަނެ އެކަންތައްތަކާ ބެހޭ ރިޕޯޓެއް ކުރިޔަށްއޮތް ދެ މަސް ދުވަހުގެ ތެރޭގައި އެކުލަވާލުން ކަމަށް ޚަބަރު ލިބެ އެވެ.

އެމެރިކާގެ ދިފާޢީ އަދި ޢަސްކަރީ ސްޓްރެޓެޖީތައް މުރާޖަޢާކޮށް އެއަށް ގެންނަން ޖެހޭ ބަދަލުތައް ޢާންމުގޮތެއްގައި ގެންނަނީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު އެވެ. ނަމަވެސް އެމެރިކާއަށް އެތެރެއިންނާއި ބޭރުން ބޮޑުކަމެއް ކުރިމަތިވެއްޖެ ނަމަ މިސްޓްރެޓެޖީ މުރަޖަޢާކުރުމަކީ އާންމުގޮތެއްގައި ޕެންޓަގަންއިން ކުރަމުންގެންދާ ކަމެކެވެ. އެމެރިކާގެ ދިފާޢީ ސްޓްރެޓެޖީއަށް މިދިޔަ އަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި އެމެރިކާގެ ޢަސްކަރީ ހަރަކާތްތަކުގެ މައިމަރުކަޒުގެ ގޮތުގައި ޒާމާނުއްސުރެ ބަލަމުންގެން ދިޔަ ޔޫރަޕްގެ ބަދަލުގައި މިޙަރަކާތްތަކުގެ ހަބެއްގެ ގޮތުގައި އޭޝިޔާ ފެސިފިކް އެކަށައެޅުން ހިމެނެ އެވެ.
އެމެރިކާގެ ޢަސްކަރީ ސްޓްރެޓެޖީއަށް ގެނައި މިބަދަލު ރައީސް ބަރަކް އޮބާމާ ވަނީ މިދިޔަ އަހަރު އިއްލާން ކުރައްވާފަ އެވެ. (ރޮއިޓާސް)