19 Mar 2013, 08:33
މި ފަހަރު ފެށި އެއްވުންތަކާއި، ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުން ކަމަށާއި، އެކަން ކޮށް ނިންމައިފައި ނޫނީ މި ފަހަރުގެ ހަރަކާތްތައް ހުއްޓައިނުލާނެ ކަމަށް "ރައްޔިތުންގެ ގައުމީ ހަރަކާތު"ން ބުނެފި އެވެ.
ޖީއެމްއާރު އަތުން އެއާޕޯޓު ލިބުމަށް ފަހު ގިނަ ދުވަސްތަކަކަށް ހަމަހިމޭންކޮށް ތިބުމަށް ފަހު ރައްޔިތުންގެ ގައުމީ ހަރަކާތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ހަރަކާތުގެ އިސް ލީޑަރެއް ކަމަށްވާ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީގައި ގިނަ މައްސަލަތައް އެބަހުރި ކަމަށާއި، ނަމަވެސް އެ ތަނުގެ ތެރޭގައި ހުރި އެއްވެސް މައްސަލަ އެއް ރަނގަޅު ކުރާން އެއްވެސް ފަރާތަކުން މަސައްކަތެއް ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖުޑީޝަރީ އޮންނާން ޖެހޭނީ އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީ އާއި، ގާނޫނީ ހަމަތަކުގެ މަތީގައި މިނިވަން ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަނުން ރައީސް ނަޝީދަށް ވިޔަސް އެހެން މީހަކަށް ވިޔަސް ހުކުމް ކުރެވޭ ފަދަ މިނިވަން ތަނެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރު ޖުޑިޝަރީ އިސްލާހް ކުރާނީ ރައްޔިތުން ނުކުމެ ކަމަށެވެ.
"ޖުޑިޝަރީގައި ހުރި މައްސަލަ އަކީ ކޮބައިތޯ. ހުރިހާ ބޭފުޅުން ނިކަން ރަނގަޅަށް ވިސްނަވާތި. ޖުޑިޝަރީގެ ހަގީގީ މައްސަލަ އަކީ އެތަނުގައި ވެސް ތިއްބެވީ ހަމަ އިންސާނުން. އެ ތަނުގައިވެސް ތިއްބެވީ ފައިސާ އާއި މުދަލަށް ވެސް ދަހިވެތިކަން ހުންނާނެ މީހުން. އެ ތަނުގައިވެސް ތިއްބެވީ އެބައިމީހުންގެ ނަފްސުގައި ހުރި ނިކަމެތި ކަމަކާއި ބަލިކަށި ކަމަކުން ފާފަތަކަށާއި، ނުބައި ކަންތަކަށް ވެސް އަރައި ގަނެވޭނެ މީހުން. އެހެން ކަމުން މި ދެންނެވި ބައެއް ބޭފުޅުންނަށް މި ދެންނެވި ކަންތަކުގައި ޖެހެވިފައިވީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެކަންތަކުގެ ނަތީޖާ އަކަށް ވީ އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް އެފަދަ ކަންތަކުގައި ޖެހެވިފައިވުން ކަމަށާއި އެކަން ތަކުގެ ނަތީޖާ އައީ ވަރަށް ވެސް ހިތާމަވެރި ގޮތަކަށް ކަމަށެވެ.
"އެކަން ތަކުގެ ނަތީޖާ ކިހިނެއްތޯ އައީ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ކުރެވިފައިހުރި ނޭއްގާނީ ކަންތަކުގެ ބޭނުން ކޮށްގެން އަދި އެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ ކިބައިގައި ހުރި ފައިސާގެ ބޭނުންތެރި ކަމުގެ ބޭނުން ކޮށްގެން ފައިސާގެ ނުފޫޒު ހުރި މީހުންނަށް، މީހުން ބްލެކްމެއިލް ކުރާ މީހުންނަށް، މީހުންގެ މައްޗަށް ފާޑު ފާޑުގެ ނުފޫޒު ހިންގާ މީހުން ކުރި ކަމަކީ އަބަދުވެސް ތިމާގެ ދަށުގައި ޖުޑިޝަރީ ބޭއްވުން. ތިމާ އެދޭ ގޮތަކަށް ޖުޑިޝަރީ ހިންގުން. ތިމާ ބޭނުންވާ ހުކުމެއް ޖުޑިޝަރީން ނެރުން،" އިމްރާން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އިމްރާން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ އަތްދަށު ނުވެ މި ގައުމުގައި ހަމައެކަނި އޮތީ ޖުޑިޝަރީ ކަމަށާއި، އޭގެ ތެރެއިން ވެސް ވަކިން ޚާއްސަ ކޮށް ސުޕްރީމް ކޯޓު ފާހަގަ ކޮށްލެވޭ ކަމަށެވެ.
އަދި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަންވާ އިރަށް ނަޝީދު އެ ތައްޔާރުވެ ލައްވަނީ ޖުޑިޝަރީ ވެސް އޭނާގެ އަތް ދަށަށް ލައިގެން ނޫނީ އިންތިޚާބު ނުބާއްވާން ކަމަށެވެ.