އެކި ދާއިރާތަކާ ގުޅޭ ކުންފުނިތަކާއި އޮފީސްތަކުގެ އެންމެ އިސްވެރިންނަށް އަމާޒު ކޮށްގެން މޮޑަން އެކަޑަމީ ފޯ ޕްރޮފެޝަނަލް ސްޓަޑީޒް (މެޕްސް) ކޮލެޖުން އިންތިޒާމްކޮށްގެން ތިން ދުވަހުގެ ސެމިނާއެއް ފަށައިފި އެވެ.

ސްޓެލްކޯގެ ފަސްވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި އިއްޔެ ހެނދުނު ފެށި "އިންގްރީޑިއެންޓްސް ފޯ ސަކްސަސްފުލް ބިޒްނަސް" ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދައުލަތުގެ ބަންޑާރަ ނައިބް ޢާއިޝަތު ޢާޒިމާ ޝަކޫރު އެވެ.

މެޕްސް ކޮލެޖުން ބުނީ އެކޮލެޖުން އިންތިޒާމްކޮށްގެން މާޗް 18 އިން 20ގެ ނިޔަލަށް ކުރިޔަށް ގެންދާ ސެމިނާރަކީ އޮފީސްތަކާއި ކުންފުނިތަކާއި އަދި ރިސޯޓް ދާއިރާގައި މަސައްކަތް ކުރައްވާ އެންމެ އިސް ފަރާތް ތަކަށް އަމާޒުކޮށްގެން ބާއްވާ ސެމިނާރެއް ކަމަށާއި އެ ސެމިނާގައި މައުލޫމާތު ދެއްވާނީ، އެމެރިކާގެ ވިޔަފާރީގެ ދާއިރާގައި ވަރަށް ތަޖްރިބާކާރު ފުންނާބު އުސް ބޭފުޅުން ކޮޅެއް ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ ހެންޑަސަން ޔުނިވާސިޓީގެ އެސޯސިއޭޓެޑް ޕްރޮފެސަރު ޑރ. ނޭތަން ކޭމްބަލް އާއި ވަޝީޓާ ބެޕްޓިސް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު އޮފް ފައިނޭންސް ޑރ. ކްރިސް ބްރޫނީ އާއި އެޑޯބީ އޮއިލް އެންޑް ގޭސް އިންކޯޕަރޭޝަން އެންޑް ލިބަޓީ ވޯލްޑް ޓްރޭޑިންގެ ޗީފް ފައިނޭންޝަލް އޮފިސަރު ޕޯލްބާގް އާއި ޑެލްވާޑް ސާވިސަސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ކްލާކްލައުރެން ހިމެނެ އެވެ.

"މި ސެމިނާގައި އަޅުގަނޑުމެން އިންވައިޓް ކޮށްފައި މިވަނީ ބޮޑެތި އޯގަނައިޒޭޝަން ތަކުގެ އެންމެ ސީނިއާ ބޭފުޅުންނަށް. އޭގެ ތެރޭގައި ސީއީއޯ، ޗީފް ފައިނޭންސް އޮފިސަރުން، މެނޭޖިން ޑިރެކްޓަރުން، މެނޭޖަރުން ފެންވަރުގެ ބޭފުޅުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން މިސެމިނާ ޓާގެޓް ކޮށްފައި މިވަނީ،" މެޕްސް ކޮލެޖްގެ ޑީން އޮފް ސްޓޫޑެންޓްސް ފާތިމަތު ރަޝީދު ވިދާޅުވި އެވެ.

އަށް ވަރަކަށް ކުންފުނިން 33 ބޭފުޅަކު ބައިވެރިވެ ވަޑައިގެންފައިވާ މި ސެމިނާގެ މައިގަނޑު މަގުސަދެއްކަމުގައި އޭނާ ވިދާޅުވީ، މަތީ ތައުލީމު ހާސިލު ކުރައްވައިގެން އަލަށް ކުންފުނިތަކުގެ އިސް ފަންތިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެމަސައްކަތުގައި ކުރިއަށް ދިއުމަށާއި އަދި ދާއިރާގެ ތަޖުރިބާ މަދުކަމުގެ ޝަކުވާ ބައެއްފަރާތްތަކުން ލިބެމުންދާތީ އެކަންތައް ހައްލުކުރުމުގައި އެހީތެރިވެ ދިނުމަކީ މިފަދަ ސެމިނާއެއްގެ އެންމެ ބޮޑު މަގުސަދު ކަމުގައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނައިން ދިމާވާކަމެއްމީ، އޯގަނައިޒޭޝަންތަކުގެ އެކިއެކިބޭފުޅުން ވަޑައިގެން އެބަ ވިދާޅުވޭ، އެބޭފުޅުންނަށް އަދި ކިޔަވާވިދާޅުވެފައި ތިއްބަސް ވެސް އެކްސްޕޯޝައެއް ނުލިބެޔޭ ރިއަލް ލައިފްގައި. ދެން އަޅުގަނޑުމެން ގަބޫލުކުރަން ދުނިޔޭގެ އެންމެ އެޑްވާންސް ކަންޓްރީ، އެމެރިކާގެ ބޭފުޅުން ވަޑައިގެން އެބޭފުޅުންގެ ތަޖްރިބާ ހިއްސާކޮށްލަދީފިއްޔާ އަޅުގަނޑުމެންގެ ބިޒްނަސް ސެކްޓާއާއި ކޯޕަރޭޓް ސެކްޓާގެ ބޭފުޅުންނަށް ލިބޭނޭ ވަރަށް ބޮޑު އެކްސްޕީރިއެންސެކޭ މިއީ،" ފާތިމަތު ރަޝީދު ވިދާޅުވި އެވެ.

މެޕްސް ކޮލެޖުން ބުނީ އެ ސެމިނާއަކީ ކުންފުނި ތަކަށް އަމާޒުކޮށްގެން މިފެންވަރުގައި އެތަނުން ކުރިއަށް ގެންދާ ފުރަތަމަ ސެމިނާ ކަމަށާއި އަދި އޮތްތާނގައިވެސް އެ ކޮލެޖުން ބައިނަލްއަގްވާމީ ފެންވަރުގެ މިފަދަ ސެމިނާތައް ބާއްވަން ގަސްދު ކުރައްވާ ކަމަށާއި އަދި މިއަހަރު ތެރޭގައި ވެސް މިފަދަ ވަރަށް ގިނަ ސެމިނާތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.