ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީ ތަކުގެ ގާނޫނާ ގުޅޭ ގޮތުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ތަދައްޚުލުވާން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފި އެވެ. އެމްޑިއޭ އިން މި ގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލްގެ ޖަލްސާގަ އެވެ.

އެމްޑީއޭގެ ސްޕޯކްސްޕާސަން އަހުމަދު އާމިރު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލައިގެ ތެރެއަށް ތަދައްޚުލުވާން އެމްޑީއޭ އިން ނިންމީ އެ މައްސަލަ އަކީ އެ ޕާޓީ އާ ސީދާ ގުޅުން ހުރި ޕާޓީގެ މަސްލަހަތު އެ މައްސަލަ އާއި ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައަކަށް ވާތީ ކަމަށެވެ.

"ސިޔާސީ ޕާޓީ ތަކުގެ ގާނޫނާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލަ އަކީ އަޅުގަނޑުމެންގެ ޕާޓީއާ ސީދާ ގުޅުން ހުރި މައްސަލައެއް. އެ މައްސަލަ އަކީ އަޅުގަނޑުމެންގެ ޕާޓީގެ 12000 އަށް ވުރެ ގިނަ މެންބަރުންގެ ހައްގު ތަކާ ވެސް ގުޅުން ހުރި މައްސަލަ އެއް. އެހެންވެ އެ މައްސަލައަށް ތަދައްޚުލުވާން ނިންމީ،" އާމިރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު، ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެކަމަށް ކަނޑައަޅާފައިވާއިރު، ޕާޓީތަކުން އެކިފަރާތްތަކާ އެކު ކޮށްފައިވާ ގާނޫނީ މުއާމަލާތްތަކާ މެދު އަމަލުކުރަން ޖެހޭ އިންތިގާލީ އުސޫލުތަކެއް ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ގާނޫނީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ގާނޫނު ތަސްދީގު ކުރެއްވި ދުވަހު އެވެ.