ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ފިހާރައިގެ ވެހިކަލަށް ގެއްލުންދިން ވީޑިއޯ އިން ފެންނަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ ކ. ކާށިދޫ ދިލާސާގޭ އަޙުމަދު ޝާނީޒް، 25، ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ މާލޭގައި އޭނާ ދިރިއުޅެމުންދިޔަ ގޭގައި ހުއްޓައި ކަމަށެވެ.

ހުޅުމަލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން މާލޭގައި ކުރި މުޒާހަރާގައި ރެޑްވޭވްގެ ފިހާރައިގެ ވޭން ހުއްޓުވައި އޭގައި އިން ޑްރައިވަރަށް ބިރުދައްކައި އޭނާ އެ ވެހިކަލުން ނެރުމަށްފަހު ވޭން ފުރޮޅާލައި، އެ ވެހިކަލަށް ބޮޑެތި ގެންލުންތަކެއް ދީފައިވެ އެވެ. އެގޮތުން ވޭނުގެ ބިއްލޫރިގަނޑު ތަޅާލައި އޭގައި ހުރި މުދާތައް ބިންމައްޗަށް އަޅާލައި، މުޒާހަރާގެ ބައިވެރިންނަށް ބަހައި ހަދާފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފައިވާ އިރު މިއީ މިހާތަނަށް އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ފުރަތަމަ މީހާ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ހޯދަން ފުލުހުން ވީޑިއޯ އާންމުކުރުމާ އެކު އޭނާ ވަނީ ތުނބުޅި އާއި ބޯ ކޮށައި ސިފަ އޮޅުވާލައި ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފަ އެވެ.

އޭނާގެ އިތުރުން އެ ވީޑިއޯ އިން ފެންނަ މީހުންގެ ތެރެއިން ފުލުހުންނަށް ދެނެގަނެވިފައި ވަނީ މާލޭ ދަފްތަރު 2523 މުހައްމަދު މާއިފް 41، ކަމަށްވާތީ މީގެ ކުރިން ފުލުހުން ވަނީ އޭނާ ހޯދަން އިއުލާން ކޮށްފަ އެވެ.

އޭނާ އަކީ ތަފާތު އެކި މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.