18 Mar 2013, 22:12
އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލުގެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް މީޑިއާ ކައުންސިލް ތަދައްޚުލުވެއްޖެ އެވެ.
މީޑިއާ ކައުންސިލުން ބުނީ މިމަހުގެ 13 ވަނަ ދުވަހު އޭޖީ އޮފީހުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަށް ތަދައްޚުލުވެފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ބަންޑާރަނައިބާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލުން އެގޮތަށް ނިންމީ ކައުންސިލްގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ވިއަސް ކުރާ ކަމަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ނަމަ، އެ މައްސަލަ ހައްލުކުރުމަކީ އެ ކައުންސިލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިފައިވާ ކަމަކަށް ވާތީ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ލިބިދޭ ނޫސްވެރިކަމުގެ މިނިވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ބައެއް މާއްދާތަކުގެ ސަބަބުން ހުރަސްއެޅޭ ކަމަށް އެ ކައުންސިލަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލުގެ މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އިމްތިޔާޒުގެ ގާނޫނަށް އަމަލު ކުރަންފެށުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކިތަންމެ ބޮޑު ޖިނާއީ ކުށެއް ކުރިޔަސް އެ މެންބަރަކު ހައްޔަރުކޮށްގެން ތަހުގީގު ނުކުރެވޭނެ ކަމަށެވެ.
އެމްޖޭއޭ އިން ބުނެފައި ވަނީ އިމްތިޔާޒުގެ ބިލުގެ 17 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިން އިސްތިސްނާ ކުރުމެއް ނެތި، ހަމަ ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހެކިބަސް ހޯދުމަށާއި އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނުމަކީ ނޫސްވެރިކަމަށް ގާނޫނު އަސާސީން ދީފައިވާ ސޭފްގާޑްތައް ނައްތާލުން ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި ބާރުތަކަކާއި އިނާޔަތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.