16 Oct 2010, 04:41
ލޯކަލް ކައުންސިލްގެ އިންތިހާބުގައި އަދާލަތު ޕާޓީގެ މެންބަރުން ވެސް ވާދަކުރުމަށް އަދާލަތު ޕާޓީގެ ރައީސް ގޮވައިލައްވައިފި އެވެ.
ރޭ އަލިމަސް ކާނިވަލުގައި އަދާލަތު ޕާޓީން ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ ލޯކަލް ކައުންސިލް ފަދަ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ކަމަށެވެ.
"އެމްޑީޕީ ނޫނީ ޑީއާރުޕީ އަކަށް ނޫން، އަދާލަތު ޕާޓީއަށް ވެސް މިފަދަ ކޮންމެ އިންތިހާބަކަށް ކުރިމަތުލުގެ ހައްގު އެބައޮތް" ރަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރުން ފެށިގެން މާޖީދިއްޔާ ސުލޫލާއި އަމީނިއްޔާ ސްކޫލު ފަދަ ބައެއް ސެކެންޑްރީ ސްކޫލުތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ މައްސަލައާ ބެހޭ ގޮތުން ވެސް ރަޝީދު ވާހަކަ ދެއްކެވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއީ ގޯސް ކަމެކޭ ވެސް އަދި ރަނގަޅު ކަމެކޭ ވެސް ވިދާޅުވާން ބޭނުން ނޫން ކަމަށެވެ.
"އަޅުގަނޑު ނުދަންނަވާނަން މިއީ ރަނގަޅު ކަމެކޭ ނުވަތަ ނޫނޭ ވެސް. ނަމަވެސް އަޅުގަނޑުގެ ސުވާލަކީ ގްރޭޑް އަށަކުން މަތީގެ ކުދިންނާއި ގްރޭޑް އެކެއްގައި އުޅޭ ކުދިންނާ އެއްކޮށްލީމާ ދެން އެކަމުން އަންނާނެ ނޭދެވޭ ނަތީޖާ އަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުތޯ އޭ؟"
އަދާލަތު ޕާޓީގެ އިސްލާމީ ގޮފީގެ މެންބަރު އަދި އިސްލާމިލް މިނިސްޓްރީގެ ސްޓޭޓް މިންޓަރު އަހުމަދު ޝަހީމް ވިދާޅުވީ ދިވެހި ޖިރާއްޖޭގެ ތައުލީމީ މަންހަޖު ބިނާ ކުރަންވާނީ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތީން އިސްލާމް ދީނާ ހިލާފުނުވާނޭ ގޮތުގެ މަތީން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހަދާ ޤާނޫނުތައް ވެސް އިސްލާމު ދީނާ ހިލާފު ނުވާ ގޮތެއްގެ މަތީން ހެދުމަށް ޝަހީމް ގޮވާލެއްވި އެވެ.
އަދާލަތު ޕާޓީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސްލާމީ ގޮފީގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީގެ ވެބްސައިޓު ވެސް އިފްތިދާހް ކުރި އެވެ. އެ ވެބްސައިޓް އިފްތިދާހު ކޮށްދެއްވީ އަދާލަތު ޕާޓީގެ ރައީސް މުހައްމަދު ރަޝީދެވެ.
ޖަލްސާ ނިންމާލާފައި ވަނީ ޝޭހު އިލިއާސްގެ ދަރުހަކުންނެވެ. މިރޭ ބޭއްވުނު އަދާލަތު ޕާޓީގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއީ، އަދާލަތު ޕާޓީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވި އެވެ.