18 Mar 2013, 20:32
ވިލިމާލޭ ގެއެއްގެ ބަދިގެ ތެރޭގައި އަންހެނަކު އޭނާގެ ފަސް މަހުގެ ތުއްތު އަންހެން ދަރިފުޅު އުރައިގެން ހުރެ އުނދުނެއް ރޯކުރަން އުޅުމުގެ ތެރޭގައި ގައިގައި އަލިފާން ހިފައި، އެ ދެމައިން ފިހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިރޭ 6:00 އެހާއިރު އެ ހާދިސާ ހިނގާފައިވަނީ ވިލިމާލޭ ލަކީ ސެވަން ކިޔާ ގެއެއްގެ ބަދިގެ ތެރޭގައި ކަމަށެވެ. އަދި އެ ހާދިސާގައި ފިހުނު އަންހެން މީހާ އަކީ އުމުރުން 41 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މައިންނަށް ވެސް މިހާރު ގެންދަނީ އައިޖީއެމްއެޗް އިން ފަރުވާ ދެމުން ކަމަށެވެ. އަދި ހޮސްޕިޓަލްގެ ޑޮކްޓަރާ ހަވާލާ ދެއްވައި މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އަންހެންމީހާ ގައިން ގާތް ގަނޑަކަށް ތިން ޕަސެންޓް ފިހިފައިވާ ކަމަށާއި، ފަސްމަހުގެ ތުއްތު ދަރިފުޅުގެ ގައިގެ 30-40 ޕަސެންޓް ފިހިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.