18 Mar 2013, 17:55
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ގަޔަށް އަތްލައި ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒު (ދާލު ރިޔާޒު) ހަމަނުޖެހުން ހިންގަވައިފި އެވެ.
މިއަދުގެ މަޖިލީހުގައި އޮތް މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ފެށުމާއި އެކު އެ ބައްދަލުވުމަކީ ގަވައިދާ ޚިލާފު ބައްދަލުވުމެއް ކަމަށް ވިދާޅުވެ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ބައްދަލުވުން ހުއްޓުވަން މަސައްކަތް ކުރައްވައިފަ އެވެ.
ފަހުމީގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮމެޓީ ހުއްޓުވުމަށް ކޮމެޓީ ކުރާ ކޮޓަރީގެ މޭޒުކޮޅުގައި ބަހައްޓާފައިވާ މައިކް ސިސްޓަމްތައް ބޭނުން ކުރައްވައިގެން އާމިރު ވާހަކަ ދައްކަވަން ފެއްޓެވުމުން ދާލު ރިޔާޒު ވަނީ އޭނާ އަށް ހުރަސް އެޅުމަށް މަސައްކަޕުޅު ކުރައްވައިފަ އެވެ.
އާމިރު ވާހަކަފުޅު ދެއްކެވި މައިކް އަތުލުމަށް ޓަކައި ދާލު ރިޔާޒު މަސައްކަތްޕުޅު ކުރެއްވުމުން، މައިކު ދިނުމަށް އިންކާރެއްވުމުން ރިޔާޒު ވަނީ އާމިރުގެ ކަނައަތް ފަރާތު ކޮނޑާ ދިމާލުގައި ޖަހައި ކޮށްޕާލާފަ އެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި އެވަގުތު އެ ހަމަނުޖެހުން ހިނގި މަންޒަރު ރާއްޖެ ޓީވީން ދިޔައީ ލައިވް ކުރަމުންނެވެ. އަދި ކޮމެޓީގައި ތިބި ނޫސްވެރިންނަށް ވެސް އެ މަންޒަރު ފެންނާނެ އެވެ.
އާމިރު މިއަދު ސަން އަށް ވިދާޅުވީ ކޮނޑުގައި ޖެހުމުގެ އިތުރުން ރިޔާޒް އޭނާގެ ދަތްދޮޅީގައި ވެސް ޖަހައިފައިވާ ކަމަށެވެ. އަދި މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ޖިނާއީ މި ފަދަ ކުށްތަކެއް ތަކުރާރުކޮށް ހިނގަމުން ދާތީ އެކަން މުގައްރިރުގެ ސަމާލުކަމަށް ވެސް ގެންނެވި ކަމަށާއި އެހެން ނަމަވެސް މުގައްރިރު އެކަމާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އޭނާގެ ގައިގައި އާމިރު ވެސް ޖެއްސެވި ކަމަށާއި ދެ މީހުން ވެސް "ހަމަނުޖެހުން" ހިންގެވި ކަމަށެވެ. ނަމަވެސް ރިޔާޒު ގައިގައި އާމިރު ޖެއްސެވިތަނެއް ކޮމެޓިގައި ތިބި ސަންގެ ނޫސްވެރިންނަށް ފެނިފައެއް ނުވެ އެވެ.
ކޮމެޓީގެ ތެރޭގައި ހިނގި ހަމަނުޖެހުމަށް ފަހު ވެސް މަޖިލިސް ކޮރިޑޯ ތެރޭގައި ވެސް އާމިރާއި ދާލު ރިޔާޒާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކޮށް ޒުވާބުކޮށް ހަދާފައިވެ އެވެ.
މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ރިޔާޒު ރަޝީދު ފިޔަވައި، އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގެ އެއްވެސް މެމްބަރަކު ވަޑައެއް ނުގަންނަވަ އެވެ.