18 Mar 2013, 17:41
ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި 18 މެންބަރުނަށް ވުރެ މަދުން މެންބަރު ތިބި 33 ރަށެއް އެބަ އޮތް ކަމަށާއި އެ ރަށްތަކުގައި މި މަހު 30ގައި އޮންނަ ޕީޕީއެމް ޕްރައިމަރީ އިންތިހާބުގައި ވޯޓު ފޮށި ނުބެހެއްޓުމަށް އެ ޕާޓީގެ ކައުންސިލް ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިހާބު ކޮމެޓީގެ މެންބަރު މުހައްމަދު ތޮލާލު ވިދާޅުވީ 18 މެންބަރުންނަށް ވުރެ މަދުން މެންބަރުން ތިބި ރަށްތަކުގައި ވޯޓުފޮށި ނުބެހެއްޓި ނަމަވެސް އެ ރަށްތަކުގައި ތިބޭ ޕީޕީއެމް މެންބަރުންނަށް އެހެން ރަށެއްގައި ވޯޓުލެވޭނެ ކަމަށެވެ.
މެންބަރުން އަދަދު 18 މެންބަރުނަށް ވުރެ ގިނައިން ނެތް ކަމަށް ބުނެ ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ރަށްތަކަކީ ހއ. މުޅަދޫ، ހއ. ތުރާކުނު، ށ. ކަނޑިތީމް، ށ. މާއުނގޫދޫ، ށ. މަރޮށި، ށ، ނޫމަރާ، ނ.ކުޑަފަރީ، ށ. އަނގޮޅިތީމް، ރ. ފައިނު، ބ. ދޮންފަނު، ބ. ފެހެންދޫ، ބ. ގޮއިދޫ، ބ. ހިތާދޫ، ބ. ކަމަދޫ، ބ. ކިހާދޫ، ބ. ކުޑަރިކިލު، އއ. ފެރިދޫ، އއ، މާޅޮސް، އދ. ދިގުރަށް، އދ. ފެންފުށި، އދ.ކުނބުރުދޫ، އދ. މަންދޫ، އދ. ދިއްދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ، ވ.ތިނަދޫ، މ. ރަތްމަންދޫ، ފ.މަގޫދޫ، ދ.ބަނޑިދޫ، ދ. ހުޅުދެލި، ދ. މާއެނބޫދޫ، ދ. މީދޫ، ލ.ގާދޫ ގަ އެވެ.
ޕީޕީއެމް ޕްރައިމަރީގައި 148 ރަށެއްގައި ވޯޓު ފޮށި ބަހައްޓާ އިރު އެ އިންތިހާބުގައި މުޅި އެކު 172 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީގެ އިންތިހާބާއި ބެހޭ ކޮމެޓީން ބުންޏެވެ.
އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ޕީޕީއެމް ޕްރައިމަރީގައި ވޯޓުލާން ބޭނުންވާ މީހުން އެމީހަކު ވޯޓުލާން ބޭނުންވާ ތަނެއްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދު ވަނީ ހަމަވެފަ އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ޕީޕީއެމް ޕީޕީއެމްގައި ވާދަކުރައް ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރެވެ.