ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤަޠަރު ސަރުކާރުން ރާއްޖެ އަށް ވެދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޤަޠަރުގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީއަށް ޝުކުރުއަދާކުރައްވައިފި އެވެ.

ޤަޠަރުގެ އަމީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވީ، އަމީރާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރު އަމީރުގެ ގަނޑުވަރުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތައް ޙައްލު ކުރެއްވުމުގައި ޤަޠަރުގެ އަމީރު އިސްނަންގަވައިގެން ޢަމަލީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރެއްވި އެވެ. އަދި އަމީރުގެ ޒަޢާމަތުގެ ދަށުގައި، ޤަޠަރު ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން، ޤަޠަރަކީ، ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަރައްޤީވެފައިވާ އަދި ސިޔާސީ މައިދާނުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންދާ އެއް ޤައުމު ކަމުގައި ވިދާޅުވި އެވެ.

ޤަޠަރުގެ އަމީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޤަޠަރާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި ތަފާތު ދާއިރާތަކުން ބޭރުގެ އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރަށް ފަހިކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ޤަޠަރު ސަރުކާރުން ފުރިހަމައަށް ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ޤަޠަރުގެ އަމީރު ދެއްވި އެވެ.