ފިނިކޮށްގެން ގަނޑުކޮށްފައިވާ ބެރީޒްގެ ބާވަތްތައް ކަމަށްވާ ސްޓޯބެރީ އާއި ބްލޫބެރީ އަދި ރާސްބެރީގެ އިތުރުން އެސޯޓެޑް ބެރީގެ ސަބަބުން ހެޕަޓައިޓިސް އޭ ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންގާފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

ފުޑްއެންޑް ޑްރަގް އޮތޯރިޓީން ބުނީ ފިނިކޮށްގެން ގަނޑުކޮށްފައިވާ ބެރީޒްގެ ބާވަތްތައް ބޭނުންކުރާ މީހުންނަށް ހެޕަޓައިޓްސް އޭ ޖެހެމުންދާއިރު ބެރީޒް ބޭނުންކޮށްގެން އުފައްދާފައިވާ ސްމޫތީސް ފަދަ ބުއިންތައް ބޮއެފައިވާ ބައެއް މީހުންނަށް ވެސް އެބަލި ޖެހިފައިވާ ކަމަށް ސިއްހަތު ޖަމިއްޔާ އިން އަންގާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެނގިފައިވާގޮތުން އެބަލި ޖެހިފައި ވަނީ ހަމައެކަނި ޑެންމާކުގެ މީހުންނަށް ކަމަށް ވެސް ފްޑްއެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

އެބަލި ފެތުރެމުންދާ ގޮތުގެ ދިރާސާތައް ޑެންމާކްގައި ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެ ބަލި ފެތުރިފައި ވަނީ ކޮން ގައުމަކުން އުފައްދާފައިވާ އަދި ކޮންކޮން ގައުމުތަކަކަށް އެތެރެކޮށްފައިވާ ބެރީޒްގެ ބާވަތްތަކުން ކަމެއް އަދި ސާފުވެފައި ނުވާކަމަށް ވެސް ފްޑްއެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

ފިނިކޮށްގެން ގަނޑުކޮށްފައިވާ ބެރީޒްގެ އެއްވެސް ބާވަތެއް، އެއްވެސް ފަރާތަކުން ބޭނުންކުރާނަމަ ރަނގަޅަށް ކައްކައިގެން (އެންމެ މަދުވެގެން 85 ޑިގްރީގައި ދެ މިނެޓް ހޫނުކުރުމަށްފަހު) ބޭނުން ކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ އެއްޗެއް ކެއުމުގެ ސަބަބުން އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެ އޮތޯރިޓީން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

ފުޑުއެންޑް ޑްރަގް އޮތޯރިޓީން ބުނީ އެކަމާ ގުޅިގެން ކުރިއަށްދާ ދިރާސާތަކުގެ މައުލޫމާތު ލިބެމުންދާވަރަކަށް މީޑިއާ އަށް އެ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.