18 Mar 2013, 17:02
މިސީޒަނުގައި ކުރިއަށް އޮތް ހުރިހާ މެޗެއް ކާމިޔާބުކުރަން އިޓަލީގެ އޭސީ މިލާނުން މަސައްކަތްކުރާނެ ކަމުގައި އެކްލަބާއި މިއަހަރު ޖެނުއަރީގައި ގުޅުނު މާރިއޯ ބަލޮޓެލީ ބުނެފި އެވެ.
މިސީޒަންގެ އިޓަލިއާން ސެރީއާގެ ފުރަތަމަ ދުވަސްކޮޅު ވެގެންދިޔައީ މިލާނަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ދުވަސްކޮޅަކަށެވެ. ނަމަވެސް އެ އުނދަގުލުން އަރައިގަނެ މިލާނުން މިހާރު ވަނީ ލީގުގެ ތިންވަނަ އަށް ޖެހިލައިފަ އެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ތަފާތު ބޮޑުކޮށް ބާސެލޯނާ އަތުން ބަލިވި ނަމަވެސް، އެޓީމުން ފުރަތަމަ ލެގު ކާމިޔާބުކުރި އެވެ.
"އަހަރެމެން ހުރިހާ ޓީމްތަކަށް ބަލާކަށް ނުޖެހޭ. އަހަރެމެން ބަލަން ޖެހޭނީ ފަހަރަކު މެޗަކުން މޮޅުވެވޭތޯ. އަހަރެމެން ބޭނުންވަނީ ކުރިއަށް އޮތް ހުރިހާ މެޗަކުން މޮޅުވެ، މިސީޒަނުގައި ވެސް އިޓަލީ ލީގުގައި ރަނގަޅު ހިސާބެއްގައި އޮތުން،" މިލާންގެ ޒުވާން ފޯވާޑް ބަލޮޓެލީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ބާސާ އަތުން 4-0 ލަނޑުން ބަލިވުމަށްފަހު، މިލާންގެ ކުޅުން ދަށްވާނެކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ އެވެ. ނަމަވެސް އެންމެ ފަހުން އިޓާލިއަން ސެރީއާގައި ޕަލާމޯ އާއި ދެކޮޅަށް ކުޅުނު މެޗު މިލާނުންވަނީ 2-0 ލަނޑުން ކާމިޔާބުކޮށްފަ އެވެ. މިމެޗުގައި މިލާނަށް ކާމިޔާބުކޮށްދިން ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ ބަލޮޓެލީ އެވެ.
"އަހަރެން މިޓީމާއި ގުޅުނީ ކާމިޔާބީ ހޯދަން. މިލާނަށް ކާމިޔާބީ ހޯދައިދޭން ކުރެވެންހުރި ހުރިހާ ކަމެއް އަހަރެން ކުރާނަން. އަހަރެން ކުޅޭނަމަ އަހަރެން ބަލަނީ ލަނޑުތަކެއް ކާމިޔާބުކުރެވޭތޯ. އަހަރެން ނުކުޅޭނަމަ އަހަރެން މަސައްކަތްކުރަނީ ޓީމްގެ އެހެން ކުޅުންތެރިންނަށް އެއްޗެއް ދަސްކޮށްދެވޭތޯ،" ބަލޮޓެލީ ބުންޏެވެ.
އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގައި ހިތްދަތި ދުވަސްތަކެއް ފާއިތުކުރުމަށްފަހު، މިލާނާއި ގުޅުމަށްފަހު ބަލޮޓެލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދެ އެވެ. އިޓާލިއަން ސެރީއާގައި ބަލޮޓެލީ ވަނީ ހަތް ގޯލް މިލާނަށް ކާމިޔާބުކޮށްދީފަ އެވެ.