ހޯމް މިނިސްޓްރީގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބު ޖަމްއިއްޔާތަކުގެ ތެރެއިން ގަވާއިދުން އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީ އެކުލަވާނުލާ ހުރިހާ ކުލަބު ޖަމިއްޔާއެއް އުވާލުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާގޮތް ހިއްސާކުރުމަށް މިއަދު ވެލާނާ ޕްރެސް ރޫމްގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ މުޙައްނަދު ވިދާޅުވީ އެވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ 1843 ޖަމިއްޔާގެ ތެރެއިން 1300 އެއްހާ ޖަމިއްޔާ މިއަހަރު ތެރޭގައި އުވިގެން ދާނޭ ކަމަށެވެ.

"ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިގެން ގާތްގަނޑަކަށް 1843 ޖަމިއްޔާ އެބަ ހިންގާ. އޭގެ ތެރެއިން 1300 އެއްހާ ޖަމިއްޔާ މިއަހަރު އުވިގެން ދާނެ. އަޅުގަޑުމެން 24 ޑިސެންބަރު 2012ގައި އޮންނާނެ ގެޒެތްގައި އިއުލާނުކޮށްފައި، އަދި މީޑިޔާތައް މެދުވެރިކޮށް ވެސް އަދި ހޯމް މިނިސްޓްރީ ވެބްސައިޓް މެދުވެރިކޮށް ވެސް ޖަމިއްޔާތަކަށް އެކަން ވާނީ އަންގާފައި، 2010 އަދި 2011 އެ ދެއަހަރު ތެރޭގައި ގާނޫނީ ގޮތުން ޖަމިއްޔާ ތަކުގެ މައްޗަށް ލާޒިމްކުރާ އޮންނާނެ ދެ ކަމެއް. އެއީ އަހަރީ ރިޕޯޓް ހުށަހެޅުމާއި ހިންގާ ކޮމިޓީ އެ ޖަމިއްޔާއެއްގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަލުން ހޮވާފައި ހުށަހެޅުން. އެ ދެކަންތައް ނުކުރާ ހުރިހާ ޖަމިއްޔާތަކެއް އުވާލަން މި ނިންމީ،" ޢަބްދުﷲ ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގަވާއިދާ އެއްގޮތަށް ނުހިންގާ ޖަމިއްޔާތައް އުވާލުމަށް ނިންމި މައިގަނޑު ސަބަބަކީ، ޖަމިއްޔާތަކުގެ މާހައުލުގައި އޮންނަނީ ޖަމިއްޔާ ރަޖިސްޓްރީ ކުރުމުގެ އާދަކާދަ ކަމަށާއި ޖަމިއްޔާ އުވާލުމުގެ އެއްވެސް ސަގާފަތެއް ނޯންނަ ކަމަށެވެ. އެހެންވުމުން އެވްރެޖްކޮށް ހަފްތާއަކު ފަސްޖަމިއްޔާ ނުވަތަ ހަ ޖަމިއްޔާ އުފަންވަމުންދާއިރު ޖަމިއްޔާތައް އެންމެ ހިންގަންވާ ގޮތަށް ނުހިނގާ ކަމަށެވެ. އަދި ފައިސާގެ ގޮތުން އެހީތެރި ކަމެއް ދޭން ބަލާއިރު ވެސް 1843 ޖަމިއްޔާ އޮންނައިރު އެ ޖަމިއްޔާތައް ހިނގަންވާ ވަރަށް ނުހިނގާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ދާހިލީވަޒީރުގެ އިސްނެންގެވުމުގެ މަތިން ޖަމިއްޔާތަކަށް ބޭރުގެ އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް މިއަހަރު ތެރޭގައި ރާވާފައިވާ ކަމަށާއި އެހެން ނަމަވެސް މިއަހަރުގެ ބަޖެޓްގައި ދާހިލީވުޒާރާއަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ބައެއް ކަންތައްތައް ކުރުމަށް މާލީގޮތުން ވަރަށްބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ޢަބްދުﷲ ވިދާޅުވި ގޮތުގައި ޖަމިއްޔާތަކާބެހޭ ގޮތުން ކައުންސިލްތަކުންވެސް ވަރަށް ގިނަ ޝަކުވާތައް ހުށަހަޅާ ކަމަށާއި އެގޮތުން ކައުންސިލްތަކަށް އެއްބާރުލުން ނުދޭ ބައެއް ޖަމިއްޔާތައް މިހާރު އުވާލެވިފައިވާ ކަމަށެވެ.

"އާންމުކޮށް ކައުންސިލްތަކުން އެބަ ޝަކުވާއާދޭ ޖަމިއްޔާތަކުގެ މައްސަލައިގައި އެއްބާރުލުން ނުލިބޭ ކަމަށް. ދެން އެގޮތުން ބައެއް ޖަމިއްޔާތައް ރަށުގެ މަސްލަހަތު ގެއްލޭތީއާއި އެފަދަ ޝަކުވާތަކުގެ ސަބަބުން އަޅުގަނޑުމެން ބަލާފައި އަޅުގަނޑުމެން މިހާރު ވާނީ އުވާލާފައި،" ޢަބްދުﷲ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޖަމިއްޔާތަކަށް އިމާރާތެއް އެޅުމަށްޓަކައި ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހުސް ބިމެއް ލިބިފައިވާތާ ވަރަށް ޒަމާން ވެއްޖެ ކަމަށާއި އެހެން ކަމުން އެބޭފުޅުން ވަރަށް މަސައްކަތް ކުރަށްވައިގެން "ފެހި ބިނާ"އެއްގެ ގޮތުގައި އެ ބިމުގައި ދިހަބުރީގެ އިމާރާތެއް އެޅުމަށްޓަކައި އޭގެ އުއްމީދީ ތަސައްވުރެއް އެކުލަވާލާފައިވާ ކަމަށާއި އަދި އެކަމަށް މާލީ ގޮތުންހަރަދު ކުރާނޭ ފަރާތްތަކަކާއި ވެސް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެހެން ކަމުން އެއިމާރާތުގެ މަސަކަތް ކުރުމަށް ބަޔަކާ ހަވާލުކުރުމަށް ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ޓެންޑާބޯޑަށް ފޮނުވޭވަރު ވާނޭކަމުގައި ޢަބްދުﷲ މުޙައްމަދު ވިދާޅުވި އެވެ.