ކޮއްތު ފައިސާ ބޮޑު ކޮށްދިނުމަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެއާޕޯޓްގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ 107 މުވައްޒަފަކު ސޮއިކޮށް ސީއެސްސީއަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައި ވަނީ އެއާޕޯޓްގައި މަސައްކަތް ކުރާ ސިވިލްސާވަންޓުންގެ ޑިއުޓީ އުސޫލުން އެއާޕޯޓްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކަމުގައިވާއިރު ރަށުން ބޭރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ އެލަވަންސްގެ ތެރެއިން ކޮއްތު ފައިސާގެ ގޮތުގައި ދުވާލެއްގެ މައްޗަށް ލިބެނީ 60 ރުފިޔާ ކަމަށެވެ. ނަމަވެސް އެއާޕޯޓްގައި ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާ ފަރާތްތަކުގެ އަގުތަކަށްބަލާއިރު ކޮއްތު ފައިސާއަށް ލިބޭ 60 ރުފިޔާއަކީ އެކަށީގެންވާ ހާލަތުން އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ކާބޯތަކެތި ވިއްކުމުގައި ޖީއެސްޓީ ފަދަ މުހިންމު ޓެކްސްތައް ނަގާއިރު އަގުތަކަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެފަދަ އެލަވަންސްތައް ދިނުމުގައި އެއިރެއްގެ ހާލަތާ އެއްގޮތަށް އެލަވަންސްތަކަށް ބަދަލު ގެނައުމަކީ ތަހުޒީބުވެފައިވާ ގައުމުތަކުގައި ކަންކުރާ އުސޫލު ކަމަށާއި އެގޮތުން އެ އެއާޕޯޓުގެ ސިވިލްސާވަންޓުންގެ މުވައްޒަފުންގެ އެލަވަންސް ފައިސާ ބޮޑު ކުރުމަށް ވަނީ އެދިފަ އެވެ.

"ރާއްޖޭގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެއާޕޯޓް ފަދަ ރަށުން ބޭރުގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު މިހާރު ވެސް އަދުގެ ހާލަތާ އެގޮތަށް އެފަދަ އަސާސީ އެލަވަންސްތައް ވަނީ އިތުރުކޮށްދީފައި،" އެސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެ ޕެޓިޝަންގެ ކޮޕީއެއް ފިނޭންސް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އިތުރުން ފިޝަރީޒް މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ.