ގދ. ތިނަދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އަންހެން މީހާއަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.

އިއްޔެ މެންދުރު ހިނގި އެ ހާދިސާގައި އުމުރުން 22 އަހަރުގެ މީހާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލަދިނުން ފިޔަވައި އިތުރު ޒަޚަމެއް ނެތް ކަމަށް އޭނާއަށް ފަރުވާދެމުން އަންނަ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަބުދުއްރަޝީދު ވިދާޅުވީ އިއްޔެ މެންދުރު 11:45 ހާއިރު ހިނގި އެހާދިސާގައި އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އެނާގެ ބުރަކަށްޓައް ތޫނު އެއްޗަކުން ހަމަލާދިން ނަމަވެސް މާބޮޑު ޒަޚަމެއްވެފައިނުވާ ކަމަށް ވެސް އަބުދުއްރަޝީދު ވިދާޅުވި އެވެ.

ތިނަދޫ ވާހަކަ ދެއްކި މީހަކު ބުނީ ޒުވާން ދެމަފިރިންނަކީ އާންމުކޮށް ޒުވާބުކޮށް ހަދާ ދެމީހުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.