16 Mar 2010, 11:54
14:30
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހަޅާފައި ވަނީ ވެސް މަޝްވަރާނުކޮށް ކަމަށާއި ބިލުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އިދިކޮޅު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްދިޔަ ބަހުސްގައި، ބިލަށް ރައްދު ދެއްވަމުން ތަސްމީން ވިދާޅުވީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެކަން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެކާވީސް އިދާރީ ދާއިރާ އޮންނާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި، އެ އެކާވީސް ދާއިރާ ލާމަރުކަޒީ އުސޫލުން ހިންގުމަށް މި ބިލިގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ޑީއާރުޕީން އެއްބާރުލުންދޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ޑީއާރުޕީން އަބަދުވެސް މަސައްކަތްކުރާނީ ވާހަކަ ދައްކަން އެދޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ވީހާވެސް އަވަހަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އެގޮތުން މި ބިލުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް މަޖިލީހަށް ބިލު ބަލައިގަންނަން ތާއީދުކުރައްވާނެ ކަމަށާއި، ހާއްސަ ކޮމިޓީއަކަށް ފޮނުވައިގެން ބިލު އިސްލާހްކުރަންޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމަށް ޕްރޮވިންސްތަކަށް އެއްވެސް ދައުރެއް ގާނޫނު އަސާސީން ލިބިދީފައިނުވާ ކަމަށް ވިދާޅުވެ އެބިލުގައި ޑީއާރުޕީން ގަބޫލު ނުކުރާ ކަމަށް ފާހަގަކުރާ ބައެއް ކަންތައްތަކަށް ތަސްމީން އަލިއަޅުވާލެއްވި އެވެ.
މި ބިލު ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން، ވެރިކަންކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެންމެ މުހިއްމު ކަންތައް ކަމަށެވެ. އަދި އެމްޑީޕީން ރާއްޖެއަށް ޑިމޮކްރަސީ ގެނައީ، ޖަމާވެފައި އޮތް ބާރުތަކެއް އެއް ސަރުކާރެއް ނުވަތަ އެއް ޕާޓީއެއްގައި ހިފަހައްޓައިގެން ތިބޭގޮތަށް ނޫން ކަމަށާއި، ބޭނުންހާ މަގާމުތަކަށް މީހުން ޖަމާކޮށް ތިބެގެން ކަންކުރުމަކީ، މި ސަރުކާރުގެ ފިކުރެއް ނޫން ކަމަށާއި، އެގޮތަށް އެކަން ކުރުމަށް ސަރުކާރަށް މަޖުބޫރުވެފައި ވަނީ، ގާނޫނު އަސާސީން ދީފައިވާ ފުޅާ މިނިވަންކަން އޭގެ ހެޔޮ ގޮތުގައި ރައްޔިތުންނަށް ލިބިދީފައިނުވާތީ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ، މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ވަރަށް އުއްމީދާއެކު ކަމަށެވެ. އަދި މި ބިލަކީ ރައްޔިތުންނަށް ރާއްޖެ އަނބުރާ ރައްދުކުރުމުގެ ރޫހުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ ބިލަށް ސަރުކާރުން ގެންނަވާފައިވާ ބައެއް އިސްލާހްތަކަށް އަލިއަޅުވާލެއްވި އެވެ.
ބިލަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބިލު ދިފާއުކުރައްވައި ވާހަކަ ދެއްކެވި ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން ބިލަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
މި ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގޭނެ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވެފައި އޮއްވައި، ރާއްޖެ ހަތް ޕްރޮވިންސަކަށް ބަހައިލުމަށް މި ބިލުގައި ސަރުކާރުން ހިމަނާފައި ވަނީ ރައްޔިތުންނަށް ލިބިދޭ ބާރުތައް ކުޑަކުރުމަށް ރާވައިފައިވާ މަކަރުވެރި ރޭވުމަކުން ކަމަށެވެ. އަދި އެވާހަކައަކީ ގަބޫލުކުރަން ހެޔޮވާވަރުގެ ވާހަކެއް ނޫން ކަމަށާއި، މިހާރުވެސް ފެންނަމުންދަނީ ސަރުކާރުން ދައްކާ ވާހަކައިގެ ބަހާއި އަމަލާ ދިމާނުވެ، ވައުދެއް ކޮށްފިއްޔާ އެއާ ހިލާފުވަމުންދިއުން ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ. އަދި އެބަޔަކާއެކު އިއްތިހާދުވެ، ވެރިކަން ކުރުމަށް ވޯޓު ހޯދަން ނުކުތް އެންމެންގެ މޫނުމަތީގައި ތަފާއްޔެއް ޖަހައި، ބޭރުކުރަމުންދާ ކަމަށް ވެސް އެ އިއްތިހާދުގައި ބައިވެރިވެވަޑައިގެން ވަރަށް އިސްކޮށް އުޅުއްވި ގާސިމް އިބުރާހިމް ވިދާޅުވި އެވެ. ގާސިމް އަދި ވިދާޅުވީ، މި މައްސަލައަކީ ކުރީގެ ގާނޫނު އަސާސީގައި އޮތް ފަދައިން ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލުމަށްޓަކައި ސަރުކާރުން ރާވާ ރޭވުމެއް ކަމަށެވެ.