މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މާދަމާ ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބުނެފައި ވަނީ މާދަމާ ބާއްވާ ޕީޖީގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ކަމަށް މިހާރު ވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އެކަނި ކުރިމަތިއްލާފައިވާއިރު ނައިބު ލީޑަރު ކަމަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕަށް އިންތިހާބު ކުރާ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ލީޑަރު އަލީ ވަހީދުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރެވެ. އެ މަގާމަށް ދެ މެންބަރުން އިންތިހާބުކުރާނެ އެވެ.

މީގެ އިތުރުން އެ ޕާޓީގެ ޕާލަމަންޓްރީ އިންތިހާބުގައި ޕާލަމެންޓްރީ ގުރޫޕްގެ އަމީން އާންމާއި އަމީން އާންމު ނައިބާއި ތިން ވިޕުން އިންތިހާބު ކުރާނެ އެވެ.