ލީޑިން ޓީޗަރުންގެ މައްސަލައިގައި ގދ. އަތޮޅު މަދަރުސާގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ ބެލެނިވެރިން އެރަށު ކައުންސިލް އިދާރާގެ ތެރެއަށް ވަދެ އިހްތިޖާޖު ކުރަން ފަށައިފި އެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ވިދާޅުވީ ދަރިވަރުންގެ ބެލެނިވެރިން ކައުންސިލް އިދާރާގެ އެތެރެއާއި ބޭރުގައި އިހްތިޖާޖު ކުރަމުން ދަނީ އެރަށު ސްކޫލްގައި ތިބެން ޖެހޭ ހަތް ލީޑިން ޓީޗަރުންގެ ތެރެއިން ހަ ޓީޗަރުން ނެތުމުގެ ސަބަބުން ތީޗަރުން ހޯދުމަށް ކުރަމުންދާ އިހުތިޖާޖެއް ކަމުގަ އެވެ.

"މިއަދު ހެނދުނުން ފެށިގެން ސްކޫލްގެ ގިނަ އަދަދެއްގެ ބެލެނިވެރިން ގެންދަނީ ކައުންސިލް އިދާރާ ތެރޭގައްޔާއި ބޭރުގައި އިހުތިޖާޖު ކުރަމުން. އިހުތިޖާޖު ކުރާ ބެލެނިވެރިން ބުނެފައި ވަނީ ސްކޫލްގެ ލީޑިން ޓީޗަރުންގެ މައްސަލަ ހައްލު ނުކުރެވެނީސް ކައުންސިލް އިދާރާ ބަންދު ނުކުރެވޭނެ ކަމަށް. ބަންދު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ބެލެނިވެރިން ވަނީ ވިދާޅުވެފައި،" ރިޒާން ވިދާޅުވި އެވެ.

ރިޒާން ވިދާޅުވީ ބެލެނިވެރިންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވެސް ކައުންސިލް އިދާރާގެ މީޓިންގ ރޫމް ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އިހުތިޖާޖު ކުރަމުންދާ ބެލެނިވެރިން ކައުންސިލް އިދާރާގެ އެތެރެއާއި ބޭރުގައި އެ މީހުންގެ ކެއުމުގެ ކަންތައްތައް އިންތިޒާމް ކުރަމުންދާ ކަމަށް ވެސް ރިޒާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެލެނިވެރިން އިހުތިޖާޖު ކުރަމުންދާ ގޮތަށް ބަލާއިރު ރަށުގައި ހުރި ސަރުކާރުގެ އެހެން އިދާރާ ތަކުގެ ތެރެއަށް ވަދެ ބެލެނިވެރިން އިހްތިޖާޖު ކުރަން ފަށާފާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމުގަ އެވެ. އެހެން ކަމުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް މިހާރު ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެއް ވެސް ފަރާތަކުން އެއް ވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ވެސް ރިޒާން ވިދާޅުވި އެވެ.

ގދ. އަތޮޅު މަދަރުސާގައި ލީޑިން ޓީޗަރުން ނެތުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރިޒާން ވިދާޅުވީ ލީޑިން ޓީޗަރުން ނެތުމުގެ ސަބަބުން ސްކޫލްގެ ކަންތައްތައް ސުޕަވައިޒް ކުރާނެ މީހަކު ވެސް ނެތް ކަމަށެވެ. އަދި އެ މައްސަލަ ސްކޫލްގެ ފަރާތުން ކައުންސިލަށް ވެސް ހުށަހަޅާފައިވާ ކަމަށް ރިޒާން ވިދާޅުވި އެވެ.