18 Mar 2013, 15:10
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ސީއެސްސީގެ މެމްބަރުގެ މަގާމުން ފަހުމީ ވަކިކުރުމަށް މަޖިލީހުން ފާސްކުރި ނިންމުން ސްޕްރީމް ކޯޓުން ބާތިލް ކުރި މައްސަލާގައި މިއަދު ބޭއްވި ކޮމެޓީގައި އެ ގޮތަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން އެމްޑީޕީގެ ފަސް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ކޮމެޓީގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
ފަހުމީގެ ބަދަލުގައި ސީއެސްސީއަށް އެހެން މެމްބަރަކު އައްޔަން ކުރެއްވުމަށް ކޮމެޓީއަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންްޓްރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
އެ ހުށަހެޅުން ވޯޓަށް އަހައި ފާސް ކުރިއިރު ވެސް ކޮމެޓީ ކުރިއަށް ދިޔައީ މެންބަރުންގެ ޒުވާބުގެ ތެރޭގަ އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި އެ ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީ ހުއްޓުވުމަށްޓަކައި ރިޔާޒު ރަޝިދާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ. އާމިރަކީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރެއް ވެސް ނޫނެވެ.
ކޮމެޓީގައި މުގައްރިރު މުހައްމަދު ނަޝީދު ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިގެން ކުރިއަށް ގެންދަވަނީ އެ ކޯޓަށް ޗެލެންޗު ކުރެއްވުމަށް ނޫން ކަމަށެވެ. އަދި އެ ކޮމެޓީ ކުރިއަށް ގެންދަވަނީ ކޮމެޓީ ބޭއްވުމަށް އިއްޔެ ނޯޓިސް ފޮނުއްވާފައިވާތީ ކަމަށެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމަށް ރިޔާޒު ރަޝީދު ފިޔަވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ އެއްވެސް މެމްބަރަކު ވަޑައެއް ނުގަންނަވަ އެވެ. ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ރޮޒައިނާ އާދަމްއާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މުހައްމަދު މުޖުތާޒާއި މިނިވަން ދެ މެންބަރުން ކަމުގައިވާ މުހައްމަދު ހުސައިންއާއި އަލީ ސަލީމެވެ.