18 Mar 2013, 14:23
ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ އިން މިރާއްޖޭގެ ތާރީހްގައި މިހާ ހިސާބަށް އެއްވެސް ސަރުކާރަކަށް ހާސިލު ނުކުރެވޭ މިންވަރަށް އަދުގެ ސަރުކާރުން ނަތީޖާ ނެރެފައިވާ ކަމަށް ރާއްޖޭގެ ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ދާހިލީ ވުޒާރާ އާއި އަދި އެ ވުޒާރާގެ ދަށުން ހިންގާ އެހެނިހެން މުއައްސަސާތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައްޔިތުންނާ ހިއްސާ ކުރުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެން މިއަދު ދެކެމުން މިދާ މާހައުލުގައި ވަރަށް ގިނަ ކުށްތަކެއް އިތުރުވެގެން ގޮސްފައިވުމާއެކީގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމްކޮށްދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގައި މިއަދު އަޅުގަނޑުމެން މިދެކޭ މާހައުލުގައި ވަރަށް ގިނަ ކުށްތަކެއް އިތުރުވެގެން ގޮސްފައިވުމާ އެކު ވެސް އަމަންއާންމު ގާއިމް ކުރުމުގައި ރާއްޖޭގެ ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާޞިލް ކުރެވިފައި. މިކާމިޔާބީ ހާސިލު ކުރުމުގެ ތެރޭގައި މިއިން ޒަމާނަކު ވެސް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ދިވެހި ރާއްޖޭގެ އަމަން އާންމު ގާއިމުކުރުމަށް ޓަކައި ފުލުހުންގެ ހިދުމަތް ނުފޯރާ މިންވަރަށް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުލުހުންގެ ހިދުމަތް ފޯރުށްދެވިފައި އަދި މިހާރު ވެސް އެހިދުމަތް އިތުރު ހިސާބުތަކަށް ވާސިލު ކޮށްދިނުމަށް ޓަކައި މަސައްކަތް ކުރެވެމުން މިދަނީ،" ޖަމީލު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މިއަހަރުތެރޭގައި ވެސް ރާއްޖޭގެ ތަފާތު އެކި ސަރަހައްދުތަކުގައި ފުލުހުންގެ މަރުކަޒުތަކެއް ގާއިމް ކުރެވިގެން ދާނޭ ކަމަށެވެ.
ޖަމީލުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ބޮޑެތި ގޮންޖެހުންތަކަކާ އެކުގައި ވެސް ނަތީޖާ ނެރެދީފައިވާ މުއައްސަސާ އަކަށް ދާހިލީ ވުޒާރާ ވަނީ ވެގެންގޮސްފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގައި ބޮޑެތި ކުށްތައް ކުރުމުގެ މިންވަރު ވަރަށް ބޮޑު ދަރަޖައަކަށް ތިރިކުރެވިފައިވާ ކަމަށާއި ޖުމުލަ ގޮތެއްގައި ރާއްޖޭގެ ވެށި އަމާން ކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް ހިންގައިގެން އެ ޕްރޮގްރާމްތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ސުލްހަވެރި މާހައުލެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންނަށް ސުލްހަވެރި މާހައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތަކުގެ އިތުރުން ދުރުމުސްތަގުބަލަކަށް ވިސްނައިގެން އަންނަން އޮތް ޖީލުތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހަމައެކަނި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ކަންތައްތަކުގެ އިތުރުން އަޅުގަނޑުމެން މިވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ދުރު މުސްތަގުބަލަކަށް ވިސްނައިގެން އަންނަން އޮތް ޖީލަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ފަށާފައި،" ޖަމީލު ވިދާޅުވި އެވެ.
ރާއްޖޭގެ ދާހިލީ ވަޒީރު އިތުރަށް ވިދާޅުވީ އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މަދަނީ ތައުލީމުގެ ގައުމީ ކެމްޕެއިންގެ ދަށުން، ފުލުހުންނާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާ ދެފަރާތް ގުޅިގެން ހިންގަމުންދާ ހަރަކާތުގެ ތެރެއިން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މާހައުލުގައި ރާއްޖޭގައި ކުރެވޭ ކުށްތަކުގެ ނިސްބަތް ބޮޑުތަނުން ކުޑަވެ ރާއްޖޭގެ ރައްޔިތުންނަކީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ އަދި ހަމައެއާ އެކީގައި ރާއްޖޭގެ ރައްޔިތުންނަކީ ކުށުން އެއްކިބާވެފައިވާ ރައްޔިތުންތަކަކަށް ހެދުމަށް ޓަކައި ނަތީޖާތަކެއް ނެރެވޭނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.