ސުނާމީ ކާރިސާގައި ދަނޑުވެރިކަމުގެ ގޮތުން ގެއްލުން ލިބުނު ދ. މީދޫ ގޭގެއަށް ބެހުމަށް ސަރުކާރުން ދީފައިވާ ފައިސާގެ ތެރެއިން ބައެއް ފައިސާ އަށް ޚިޔާނާތްތެރިވި މީހަކު ތިން އަހަރާއި ހަތް މަސް ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ދ. މީދޫ އޮއިވަރު ޝަރުމީލާ ޝަރީފްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ސުނާމީ ކާރިސާގައި ދަނޑުވެރިކަމުގެ ގޮތުން ގެއްލުން ލިބުނު ގެތަކަށް ދިނުމަށް ސަރުކާރުން އެ ރަށު އޮފީހަށް ފޮނުވާފައިވާ ފައިސާގެ ތެރެއިން ޝާރުމީލާއާ ހަވާލުކުރި ފައިސާގެ ތެރެއިން ބައެއް ފައިސާ އަށް ޚިޔާނާތްތެރިވެފައިވާކަން ޝަރީއަތަށް ސާބިތުވެފައި ވަނީ އޭނާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކާއި ހެކީންގެ ހިކިބަހުން ކަމަށެވެ.

މީދޫ އޮފީހުގެ ތިޖޫރިން ނެގުމަށް ފަހު 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ޝަރުމީލާއާ ހަވާލު ކުރި 266888ރ.ގެ ތެރެއިން 49 ގެއަށްވާ 89572ރ. އެގޭގެއަށް ދޫކުރުމަށް ފަހު ބާކީ ހުރި 177316ރ. ތިޖޫރި އަށް އަނބުރާ ލުމުގެ ބަދަލުގައި އޭނާގެ މޭޒުގެ ވަތްގަނޑުގައި ބަހައްޓާފައިވާކަން ޝަރުމީލާގެ ވާހަކަތަކުންނާ ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ޝަރުމީލާގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި އެ ފައިސާގެ ތެރެއިން 13200ރ. 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު މަދުވެފައިވާ ކަން ވެސް ސާބިތުވެފައި ވަނީ ޝަރުމީލާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހެކީންގެ ހެކިބަހުން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ފައިސާތައް ބަހައްޓާފައިވާ މޭޒުގެ ވަތްގަނޑު ނުހުޅުވިގެން ޝަރުމީލާ ބުނެގެން އެ އޮފީހުން ވަތްގަނޑު ހުޅުވަން މަސައްކަތް ކުރި އިރު އެ ވަތްގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ އިރު އެ ވަތްގަނޑުގެ ދެ ތަޅުދަނޑި ވެސް އޮތީ ޝަރުމީލާގެ އަތުގައި ކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ވަތްގަނޑުގެ އިތުރު ތަޅުދަނޑިއެއް އެހެން މީހެއްގެ އަތުގައި އޮތްކަމަށް ޝަރީއަތަށް ޝަރީއަތަށް ސާބިތުވެފައި ނުވާއިރު އޮފީހުގައި ވަގުތީ ގޮތުން ބަހައްޓަން ޖެހޭ ފައިސާ ތިޖޫރި ފިޔަވައި އެހެންތަނެއްގައި ނުބެހެއްޓޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

"..... ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށުން ޝަރުމީލާ ޝަރީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިއީ މިބާވަތުގެ ކުށެއް ޝަރުމީލާ ޝަރީފްގެ މައްޗަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަ މަސް ދުވަހަށް، އަދި ޝަރުމީލާ ޝަރީފް ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދު ދިހަ ހާސް ރުފިޔާ އިން ފެށިގެން މަތީގެ އަދަދަކަށް ވާތީ، ގާނޫނުލް އުގޫބަތުގެ 132 ވަނަ މާއްދާގެ ދަށުން އެއް އަހަރާއި އެއް މަސް ދުވަސް އަދި ޝަރުމީލާ ޝަރީފް ޚިޔާނާތްތެރިވެފައި ވަނީ ސަރުކާރުގެ ފައިސާ އަށް ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ 143 ވަނަ މާއްދާގެ ދަށުން ދެ އަހަރު ދުވަސް، އެކު ޖުމްލަ ތިން އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތަށް ދ. މީދޫ އޮއިވަރު ޝަރުމީލާ ޝަރީފް އަރުވާލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.