18 Mar 2013, 14:01
ރައްޔިތުން މަޖިލީހުން ޝަރުއީ ނިޒާމް ފުނޑުފުނޑު ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ގައުމީ ގައުމީ ހަރަކާތުން މިރޭ އާޓިފިޝަލް ބީޗްގައި އިހުތިޖާޖްކުރުމަށް ނިންމާފައިވާ ކަމަށް އެހަރަކާތުން ބުނެފި އެވެ.
ގައުމީ ހަރަކާތުން މިއަދު އާޓިފިޝަލް ބީޗްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވީ ރައްޔިތުން މަޖިލީހުން މަސައްކަތް ކުރަނީ ޝަރުއީ ނިޒާމްގެ މައްޗަށް އަތްގަދަ ކުރުމަށް ކަމަށާއި އެކަމާ ދެކޮޅަށް ގައުމީ ހަރަކާތުން މިރޭ އިހުތިޖާޖް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިރޭ އާޓިފިޝަލް ބީޗްގައި އިހުތިޖާޖް ކުރުމަށް ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ޝަރުއީ ނިޒާމަށް އަތްގަދަކުރަން މަސައްކަތްކުރާތީ." އިމްރާން ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ހަރަކާތުގެ ތަރުޖަމާން އަބްދުﷲ މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުޅޭ ޑުރާމާ ބަލަން ނުތިބޭނެ ކަމަށާއި އެކަންކަމާ ދެކޮޅަށް އިހުތިޖާޖް ކުރާނެ ކަމަށެވެ.
އެބައްދަލުވުމަށް ފަހު މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ނުދޭތީ އެއިހުތިޖާޖްތަކަކީ ސިލްސިލާކޮށް ނުވަތަ ކިހިނެއް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވަނީ ސާފްވާ ގޮތް ނުވެފަ އެވެ.