18 Mar 2013, 13:57
ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަހުމީ ހަސަން އެކޮމިޝަން މެންބަރު ކަމުން ވަކި ކުރި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މިއަދުގެ މަޖިލިސް ކުރިއަށް ނުގެންދެވިގެން، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މިއަދު ޖަލްސާ ހުއްޓާލައިފި އެވެ.
ސިވިލް ސާވީސް ކޮމިޝަނުގެ މެންބަރު ކަމުން ފަހުމީ ވަކި ކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ މިއަދު ހެނދުނު ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ޖަލްސާގައި ނިޒާމީ މައްސަލަ ނަގާ މަޖިލީސް ހުއްޓުވާލާފަ އެވެ.
އަދި މަޖިލިސް މެދު ކަނޑާލާފައި ބޭއްވުމަށް ފަހު މެންދުރު ފަހު މަޖިލިސް އަލުން ފެށުމަށް ފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މަޖިލީހަށް ފުރިހަމައަށް ލިބިފައިވާ ބާރުގެ ދަށުން ކޮށްފައިވާ ކަމެއް އެއީ ގާނޫނު އަސާސީއާ ހިލަފަށް ކޮށްފައިވާ ކަމެއް ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ މައްސަލައަކީ "ފުޅާ ދާއިރާއެއްގައި ވިސްނަން ޖެހޭނެ" މައްސަލައެއް ކަމަށް ރިޔާސަތުން ދެކޭތީ ޕާޓީތަކުގެ މަޝްވަރާ ކުރުމަށް މަޖިލީސް މިއަދަށް ހުއްޓާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފަހުމީ ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމާ ގުޅިގެން އެ މައްސަލަ މިއަދު އޮންނަ މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އަށް ހުށަހެޅިފައިވާ ކަމަށާއި މަޖިލީސް އިތުރަށް ކުރިއަށް ގެންދަން ރިޔާސަތުން ބޭނުންވަނީ އެ ކޮމެޓީގެ ލަފަޔާއެކު ކަމަށެވެ.
"މި މައްސަލަ އަކީ ރިޔާސަތުން ދެކޭ ގޮތުން ސިވިލް ސާވީސް ކޮމިޝަނުން މުހައްމަދު ފަހުމީ ހަސަން ވަކި ކުރި މައްސަލައާއި ގުޅިގެން ހިނގާ މައްސަލައެއްނޫން. މި މައްސަލައަކީ އެއަށްވުރެ ފުޅާކޮށް އަޅުގަނޑުމެން ވިސްނަން ޖެހޭ މައްސަލަ އެއް. މަޖިލީހަށް ވަރަށް ސާފްކޮން ލިބިފައިވާ އިހްތިސާސްގެ ތެރެއިން ނިންމާފައިވާ ނިންމަކާއި ގުޅޭ ގޮތުން ނިންމާފައިވާ މައްސަލައަކާއި ގުޅިގެން ދިމާވެފައިވާ މައްސަލަ އަކަށްވާތީ މަޖިލީހުގައި ހިމެނޭ ސިޔާސީ ފަރާތަކާއި މަޝްވަރާ ކުރުމަށާއި އަދި މި މައްސަލަ މިއަދު އޮންނަ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް އެޖެންޑާ ކޮށްފައިވާތީ އެ ކޮމެޓީންގެ ވެސް ބަހާއެކު ރިޔާސަތުން ކުރިއަށް ގެންދަން ބޭނުންވާތީ މިއަދު ޖަލްސާ މިހާ ހިސާބުން ނިމުނީ.."
ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން އެ ކޮމިޝަނުގެ މެންބަރަކާ ޖިންސީ ގޮނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސާތަކުގެ ކޮމެޓީން ބެލުމަށް ފަހު ރައްޔިތުން މަޖިލީހުގައި ނެގި ވޯޓުން ފަހުމީ އެ މަގާމުން ވަކިކޮށްފައި ވަނީ މަޖިލީހުގެ 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.