18 Mar 2013, 13:21
ފުވައްމުލަކުގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފައިސަލް ފައުންޑޭޝަން އިން އެ ރަށުގެ ދެ ސްކޫލަކަށް ދެ ލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.
ފައިސަލް ފައުންޑޭޝަންގެ ޗެއާމަން ފައިސަލް ނަސީމް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހާފިޒް އަހުމަދު ސްކޫލްގައި ނުކުޅެދޭ ކުދިނަށް ކިޔަވައި ދިނުމަށް ބޭނުންކުރާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ ހުރިހާ އިކިއުޕްމެންޓަކާއި ސާމާނު އިއްޔެ ހަދިޔާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ ވާނީ އެތަނަށް ބޭނުންވާ ސޯފާސެޓާއި ޓީވީ، ކޮމްޕިއުޓާ، އެއާ ކޮންޑިޝަންތަކުގެ އިތުރުން ކައްކާ ސާމާނާ އަދި މިނޫން ބައެއް އެހެންތަކެތި ވެސް ހަދިޔާކޮށްފައި،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާފިޒް އަޙްމަދު ސްކޫލްގެ އެ ކްލާހުގެ މުދައްރިސުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި އެ ފައުންޑޭޝަންގެ ހަރަދުގައި މި އަހަރު ސިންގަޕޫރަށާއި މެލޭޝިޔާގެ ކަމާ ގުޅުން ހުރި ސްކޫލްތަކަށް އެ ސްކޫލުގެ ދެ ޓީޗަރުން ތަޖުރިބާ ހޯދުމަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ ހާފިޒް ސްކޫލަށްވީ އެހީގެ އިތުރުން އިއްޔެ ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ އޭލެވެލް ދެ ކްލާސް ރޫމް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިންޓާނެޓް ޓީވީ އަކާއި ސައުންޑް އަދި ލެޕްޓޮޕްއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.