މިނިސްޓަރުގެ ނައިބު ފެންވަރުގައި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ސްޕޯޓްސް އެޑްވައިޒަރުގެ މަގާމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޝާހު އިސްމާއިލް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވެލެންސިއާއަށް ކުޅުނު ޝާހު ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމަޖެއްސެވިއިރު، އޭނާ ކުރިން އަދާ ކުރައްވަމުން ގެންދެވި އެފްއޭއެމްގެ ޖެނަރަލް ސެކަރެޓަރީގެ މަގާމު ގެއްލުނީ އެފްއޭއެމަށް ރައީސް ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމް އިންތިހާބު ކުރުމާ ގުޅިގެންނެވެ. ޝާހު ހުންނެވި މަގާމުން ވަކިކުރެއްވުމަށްފަހު އެ މަގާމަށް ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ވަނީ ހަމަޖައްސާފަ އެވެ.

ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް ޝާހު ހަމަޖެއްސެވިއިރު، އެ މިނިސްޓްރީއަކީ ޕީޕީއެމްގެ ބޭފުޅުން، އިސް މަގާމުތަކުގައި ތިއްބަވާ އިދާރާ އެކެވެ. ޔޫތު މިނިސްޓަރަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) ހުންނަވާއިރު ސްޓޭޓް މިނިސްޓަރުންނަށާއި މިނިސްޓަރުގެ ނައިބުންނަށް ވެސް ތިއްބަވަނީ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅުންނެވެ.