15 Oct 2010, 12:21
ސ. ހިތަދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
މިއަދު ހަވީރު 16:00 ހާކަންހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި އެ ރަށު ސްކޫޕް ގޯޅި ތެރޭ ހުރި ގްރީން ފްލަވާ ގޭގައި ވަކިން ހަދާފައި ހުރި އެއް ކޮޓަރީގެ އެޕާންމެންޓެއް ވަނީ އެއްކޮށްހެން އަނދައިފަ އެވެ.
ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ، އެ ހާދިސާގައި އަލިފާން ރޯވި ކޮޓަރި އާއި އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ ގޭގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފްގެ ސަދަން ކޮމާންޑަށް ލިބުނީ މިއަދު 16:25 އެހާކަށްހާއިރު ކަމަށާއި ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ސިފައިން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލިފާންގަނޑު މުޅިން އެއްކޮށް ނިއްވާލެވުނީ 17:30 ގައި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ސަންއެފްއެމަށް މައުލޫމާތު ދެމުން ގްރީ ފްލަވާގައި ދިރިއުޅޭ މުޚްތާރު ހުސެން ބުނީ، އަލިފާން ރޯވީ ގޯތިތެރޭގައި ވަކިން ހަދާފައި ހުރި ތިން ލައްކަ ރުފިޔާގެ އެޕާޓްމަންޓެއްގައި ކަމަށާއި އެތަން މިހާރު ވަނީ އެއްކޮށް އަނދާ ހުލިވެފައި ކަމަށެވެ. ފުލުހުންނާ ސިފައިން ގެންދަނީ އެތަން މިހާރު ބަލަމުން ކަމަށާއި އެތަނުގައި އަލިފާން ރޯވި ގޮތެއް އާއިލާއަކަށް ވެސް ނޭގޭ ކަމަށް އޭނާ ބުންޏެވެ.
"އެއްކޮށް އަނދާ ހުލިވެއްޖެ ހަމަ. ތިން ލައްކަ ރުފިޔާގެ ތަނެއް އެއީ. ނޭގޭ އަލިފާން ރޯވި ގޮތެއްވެސް. ސިނގިރޭޓު ބޯ މީހެއްވެސް ނޫޅޭނެ އެތަނުގައި" މުޚްތާރު ބުންޏެވެ.
17:20
ސ.ހިތަދޫ ގެއެއްގެ އެޕާޓްމަންޓެއްގައި އަލިފާންރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިއަދު ހަވީރު 16:00 ހާއިރު މި އަލިފާނުގެ ހާދިސާ ހިނގީ ހިތަދޫގެ ސްކޫޕް ގޯޅި ތެރޭ ހުރި ގްރީން ފްލަވަރ ގޭގައި ވަކިން ހަދާފައި ހުރި އެއް ކޮޓަރީގެ އެޕާންމެންޓެއްގަ އެވެ.
އެމްއެންޑީފުން ވަނީ އެ ސަރަހައްދަށް ގޮސް މިހާރު އަލިފާންގަނޑު ނިއްވާލައިފަ އެވެ.