18 Mar 2013, 12:22
އުކުޅަހު ސްކޫލުގެ އަންހެން 10 ދަރިވަރަކަށް ދިމާވެގެން އުޅޭ މައްސަލަ އަކީ މީގެ ދެ ހަފްތާ ކުރީން ދިިމާ ވާން ފެށި މައްސަލައެކެވެ. އެ ދަރިވަރުން އިއްޔެ ސްކޫލްގައި ކިޔަވާން ތިއްބައި، ކުއްލިއަކަށް ބޮލަށް އެނބުރުން އަރައިގަނެގެން ގޮސް ވެއްޓި "މޮޔަގޮވައި" ގަޔަށް ބާރުތަކެއް އަރާން ފެށި އެވެ. އެ ހިސާބުން ފެށިގެން ސްކޫލްގެ އެހެން ދަރިވަރުންގެ ހިތަށް ބިރުވެރިކަން ވަދެ، އޭގެ ތެރެއިން ބައެއް ކުދީންގެ ހާލު ދެރަވާ ގޮތް މެދުވެރިވި އެވެ. އެކަމުގެ ސަބަބުން ސްކޫލްގައި ވަނީ ނަފްސާނީ ބިރުވެރި ކަމެއް އުފެދިފައެވެ. ބެލެނިވެރިންގެ މެދުގައި ވަނީ ހާސްކަން ބޮޑު ވެފައެވެ. މި ކަމާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ސްކޫލްގެ ކިޔެވުން ވެސް ވަނީ ހުއްޓައިލައިފައެވެ.
އުކުޅަހު ސްކޫލުގެ ދަރިވަރުންނަށް ދިމާވެގެން އުޅެނީ މީގެ އަހަރުތަކެއް ކުރިން ހދ. މަކުނުދޫ އާއި ނ. މިލަދޫ ސްކޫލްގެ ކުދީންތަކަކަށް ވެސް ދިމާވެގެން އުޅުނު ފަދަ "ސިހުރު"ގެ ކަންތައްގަނޑެއް ކަމަށް ބެލެވެއެވެ. ރަށުގެ ގިނަ ބަޔަކު ގަބޫލު ކުރަނީ ވެސް އެހެންނެވެ. އެ ކަން އެނގުނު ހިސާބުން އެކުދީންގެ ބެލެނިވެރިންނާއި ރަށުގެ ބޮޑުންގެ މަޝްވަރާގެ މަތިން ސިހުރު މައިތިރި ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ކިޔެވެލިތައް ކިޔަވައި، ފަންޑިތަ ހަދާ މީހަކު ގެނެސްފި އެވެ. ފަންޑިތަ ހަދާ މީހާ ކިޔަވާން ފެށުމުން އެ ކުދީން ގަޑިއެއް ދޮޅު ގަޑިއެއް ހާ އިރު ފަހުން ރަނގަޅު ވެސް ވެއެވެ. ނަމަވެސް އޭގެ އަނެއްކާ ވެސް އިރުގަނޑެއް ފަހުން އެ ކަންތައްގަނޑެއް ލައިގަނެއެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވާ ގޮތުގައި ފަންޑިތަ ހަދާ މީހާ އެކުދީން މެދުވެރިކޮށް ޖިންނީންނާ ވާހަކަ ދެއްކީމާ، އެ ކަމަކީ އެރަށު ސްކޫލްގެ ގޯތި ތެރޭގައި ހުރި "ކަނީރު ގަސް" ތަކަކަށް އެކުދީން ގޯނާ ކޮށް، ގެއްލުން ދީ ހެދުމުގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން "ޖިންނީން" ކުރަމުން ގެންދާ ކަމެއް ކަމަށް ބުނާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކުދީންނާ ވާހަކަ ދެއްކުމުން އެ ކަމަކީ މީގެ ޒަމާންތަކެއް ކުރިން އެ ރަށުގެ ބަޔަކު ސްކޫލަށް ހަދައިފައި ވާ ސިހުރެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަންތައްގަނޑެއް ކަމަށް އެ ކުދީން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަށުގައި ދިމާވެގެން އުޅޭ ސިހުރުގެ ކަންތައްގަނޑުގައި ކިޔަވަމުން ގެންދާ މީހާ އަކީ މީގެ ކުރިން ވެސް ރަށްރަށުގެ ސްކޫލްތަކުގައި އެފަދަ ކަންތައްތައް ދިމާވެގެން ފަންޑިތަ ހަދައިފައި ހުރި، ވަރަށް ތަޒުރިބާކާރު މީހެއް ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި އުކުޅަކު ކުދީންނަށް ދިމާވެގެން އުޅޭ މައްސަލަ ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެމީހާ ދޭ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ. "ފަންޑިތަ ހަދާ މީހުން ވެސް ބުނަނީ އޭގެ ތެރެއިން ބައެއް ކުދީން ބުނާ ގޮތަށް އެ ކަމަކީ ސިހުރުހާހޫރަައިގެ ކަމެކޭ، އެއެއްޗެއް ސްކޫލްގެ ގޯތި ތެރޭގައި ވަޅުލައިފައި އޮތް ކަމަށް އެމީހާ އެކުދީންނާ ވާހަކަ ދެއްކީމާ އެބަ ބުނޭ،" ކައުންސިލަރު ވިދާޅުވި އެވެ.
އުކުޅަހު ސްކޫލްގެ ދަރިވަރުންތަކަކަށް ދިމާވެގެން އުޅޭ ޖިންނީންގެ ވާހަކަ އެކުދީން ރަނގަޅު ވާ ވަގުތުތަކުގައި ހަނދާން ނުހުންނަ ކަމަށް ބެލެނިވެރީންނާއި ސްކޫލުން ވެސް ބުނެއެވެ. އެ ރަށު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޒިޔާދު ވިދާޅުވި ގޮތުގައި އެ ކަންތައްތައް ފުރަތަމަ ދިމާވާން ފެށިއިރު އެކުދީންނަކަށް މާބޮޑު ގޮތްތަކެއް ވެސް ނުވެއެވެ. އެންމެ ފުރަތަމައަށް އެކަންތައްތައް ދިމާވާން ފެށި އިރު އެކުދީންނަށް ވާން ފެށި އުނދަގޫތަކަކީ ބޮލަށް އެނބުރުން އަރައި، ގައިގެ ވަރު ދެރަ ވުމެވެ. އެހެން ދިމާ ވުމުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުުމުން ރަނގަޅު ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޫލްގައި އުޅޭ އިރު އެކުދީން ހަމަ ވަރަށް ނޯމަލް، އެކަމެއް ދިމާވި ކަމެއް ހަނދާނެއް ވެސް ނުހުރޭ، ދެން ކުދިން ކިޔައި ދިނަސް ނޭނގޭ، ކުރިން އެ ކަމެއް ވަނީ ދުވާލަކު އެއް ކުއްޖަކު ދެ ކުއްޖަކަށް، ނަމަވެސް އިއްޔެ ހުރިހާ ކުދީންނަށް އެއްފަހަރާ މި ކަމެއް މި ދިމާ ވީ، މީގެ ކުރިން ޖިންނި މޮޔަ ވެގެން މޮޔަ ގޮވައި ވެސް ނަހަދާ، ހޭ ނެތުނަސް ވަރުތަކެއް ގަޔަށް އަރައިގެނެއް ވެސް ނޫޅޭ،" ޒިޔާދު ވިދާޅުވި އެވެ.
އުކުޅަހު ސްކޫލްގައި ދިމާވެގެން އުޅޭ ކަންތައްގަނޑުގެ ހަގީގަތް ހޯދުމަށް ރަށު ކައުންސިލާއި ސްކޫލުގެ އިތުރުން ބެލެނިވެރީން މަސައްކަތް ކުރަމުން ގެންދާ އިރު އެ ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މާބޮޑު ސަމާލު ކަމެއް ދީފައި ނުވާ ކަމަށް ރަށު އޮފީހުން ފާހަގަ ކުރެއެވެ.
އުކުޅަހު ސްކޫލަށް ކުރިމަތި ވެގެން އުޅޭ "ޖިންނި މޮޔަވުމުގެ" މައްސަލަ ދިމާ ވެގެން އުޅޭ ކުއްޖެއްގެ ބެލެނިވެރިއަކު ބުނި ގޮތުގައި އެނާގެ ދަރިފުޅަށް އިއްޔެ ސްކޫލުން އެ ކަމެއް ދިމާ ވެގެން ގެއަށް ގެންދިޔަ ފަހުން ހަތަރު ފަހަރެއްގެ މަތިން އެ ގޮތަށް މޮޔަ ގޮވައި، ގަޔަށް ބާރު އެރި އެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް ރަނގަޅު ވަނީ ފަންޑިތަ ހަދާ މީހާ ގެނެސްގެން ކިޔެވުމުންނެވެ. ނަމަވެސް އޭގެ ތެރެއިން ކޮންމެ ފަހަރަކު ވެސް ރަނގަޅު ވާ އިރު ދަރިފުޅު އޮންނަނީ ގައިން ވަރު ދެރަ ވެ، ކާ އެއްޗެއް ވެސް ނުކެވޭ ހާލަތަށް ގޮސްފަ އެވެ. އެގޮތަށް ވާން ފެށި ފަހުން އޭނާގެ ދަރިފުޅު ސްކޫލަށް ދާން ބިރުން އުޅޭ ކަމަށް ވެސް އެނާ ބުންޏެވެ.
"ދަރިފުޅަށް އެންމެ ފުރަތަމަ އެހެން ވާން ފެށީމާ މަރުކަޒަށް ގެންދަނީ. ދެން ހިތަށް އަރަނީ ރަނގަޅަށް ނުކައި ހުރުމުންނޭ އެހެން އެ ގޮތަށް ދިމާ ވަނީ، އެހެން ވެ އޭގެ ފަހުން ކުރިއަށް ވުރެ ރަނގަޅަށް ހެނދުނު ނާސްތާ ދީފައި މި ފޮނުވަނީ، ނަމަވެސް އެކަމަށް ވަކި ހައްލެއް ނައި، އެހެން ހުއްޓައި އިއްޔެ އެ ކަމެއް މި ދިމާވީ، 'މޮޔަވެގެން އުޅޭ' ގަޑީގަޔާއި ކިޔަވާ މީހާ އައިސް ކިޔަވާން އިންނަ ގަޑީގައި ދަރިފުޅު ވާހަކަ ދައްކަނީ އާއްމުކޮށް ވާހަކަ ދައްކާ އަޑާ ހިލާފަށް ބަރު އަޑަކުން، އަދި ވެސް ދަރިފުޅުގެ ހާލު ހުރީ އެކަހަލަ ގޮތަކަށް،" ބެލެނިވެރިއަކު ކިޔައިދިނެވެ.
އުކުޅަހު ސްކޫލަށް ދިމާވެގެން އުޅޭ މި މައްސަލައަކީ ސްކޫލްގެ ގޯތި ތެރޭގައި ވަޅުލައިފައި އޮތް ސިހުރެއްގެ ސަބަބުން ދިމާ ވެގެން އުޅޭ ކަމެއް ކަން ނުވަތަ އެ ކުދީންގެ ކިބައިން ބަދަލު ހިފާން، ޖިންނީން ކުރަމުން ގެންދާ ކަމެއްގެ ސަަބަބުން ވާ ކަމެއް ކަން ނުވަތަ ސިއްހީ މައްސަލައެއް ކަން ސީދާ ބުނާކަށް ނޭނގެ އެވެ. ނަމަވެސް އެކަމަކީ ސިހުރުހާހޫރައިގެ ކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ "ޖިންނި މޮޔަވުމުގެ" ކަމެއްގެ ގޮތުގައި އެރަށު ގިނަ ބަޔަކު ގަބޫލު ކުރެއެވެ.