18 Mar 2013, 11:47
ކުނިކޮށިން އަރާ ވަހުގެ ސަބަބުން ޣިޔާޒުންދީން އިންޓަނޭޝަނަލް ސްކޫލްގެ ކިޔެވުން މެދު ކަނޑާލައިފި އެވެ.
ޣިޔާޒުންދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރުމީނާ ފަހީމް މިއަދު ވިދާޅުވީ 800 ވަރަކަށް ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލްގެ ކިޔެވުން މެދުކަނޑާލީ މިއަދު 10:00ގައި ކަމަށެވެ. ޝިރުމީނާ ވިދާޅުވީ ހެނދުނު ސްކޫލަށް ކުދިން ދިޔަ އިރު ވެސް ކުނީގެ ވަސް ވަރަށް ބޮޑަށް ސްކޫލްތެރޭގައި ހުރި ކަމަށާއި އަދި އެކަމާ ބެލެނިވެރިން އޭރު ވެސް ކޮންސާންވެގެން އުޅުނު ކަމަށެވެ.
ޝިރުމީނާ ވިދާޅުވީ އެ ސްކޫލަށް އިމާދުއްދީން ސްކޫލަށްވާ ގޮތަށް ކުނީގެ އުނދަގޫނުފޯރާ ކަމަށާއި ނަމަވެސް މިއަދު ވަސް އެހާ ގަދަޔަށް ދުވަންފެށީ ރޭގައި ވާރޭވެހިފައި އޮތުމާއި މިއަދު ވައި ހުރި ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް އެ ސްކޫލަށް އުނދަގޫ ވަނީ ކޮން ކުނިކޮށްޓަކުން ކަމެއް ޝިރުމީނާ ވިދާޅެއްނުވެ އެވެ.
އެއްދަންފަޅި އަށް ކިޔަވައިދޭ އެ ސްކޫލްގެ ކިޔެވުން މިއަދު ބަންދުކޮށްފައިވާ އިރު، އެ ސްކޫލާ އެންމެ ކައިރީގައި އޮތީ ދެ ނަމްބަރުކުނިކޮށްޓެވެ.
މާލޭ އެއްނަމްބަރު ކުނިކޮށިން އަރާ ދުމާއި ވަހުގެ ސަބަބުން އިމާދުއްދީން ސްކޫލްގެ ކިޔެވުން މިމަހު ކުރީ ކޮޅުވަނީ ހުއްޓާލަން ޖެހިފަ އެވެ. ނަމަވެސް އެއްނަމްބަރު ކުނިކޮށީގައި ހުރި ނުބައި ވަސްދުވާ ކުނިތަކާ ދުންއަރާ ކުނިތައް މިހާރު ވަނީ އެ ކުނިކޮށިން ހުސްކޮށްފަ އެވެ.