18 Mar 2013, 11:37
ގދ. ކާޑެއްދޫ އެއާޕޯޓަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ގދ. މަޑަވެލި ބީޗްހައުސް އަހްމަދު ނާޒިމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ނާޒިމް ކާޑޭއްދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ މުއުލޫމާތު ލިބިގެން އިބްރަހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ހުއްޓައި ފުލުހުން އޭނާ ހައްޔަރުކޮށް ޗެކްކުރި އިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ނާޒިމް އެތެރެއިން ލައިގެންހުރި ހެދުންތަކުގެ ތެރެއިން މަސްތުވަތަކެތި ފެނިފައިވާ ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި އިރު 40 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
ނާޒިމް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމުގައި އޭނާ އަށް ވަނީ އަންގާފަ އެވެ.
".... މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑައިމޯފިން ޑްރެފިކް ކުރުމުގެ ކުށުން އަހްމަދު ނާޒިމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވި ދިޔަ މާއްދާގެ (ނ) ގެ ދަށުން ގދ. މަޑަވެލި ބީޗްހައުސް އަހްމަދު ނާޒިމް އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކޮށް މިފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި މި ކޯޓަށް ދެއްކުމަށް އަހްމަދު ނާޒިމަށް އަންގައި ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.