ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ރިޔާސީ އިންތިޚާބު ނިމެންދެން ފަސްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމައި އެކަން އެމަނިކުފާނަށް އަންގާފައި ވަނީ އިއްޔެ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ހަމައަށް ޝަރީއަތް ފަސްކޮށްދިނުމަށް އެދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ނަޝީދު އިޖުރާއީ ނުކުތާއެއް ނެންގެވި އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ ނަޝީދަކީ ރިޔާސީ ކެނޑިޑޭޓެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ނުވާތީ ގާނޫނީގޮތުން އޭނާ އަކީ ރިޔާސީ ކެނޑިޑޭޓް ކަމަށް ބެލެވެން ނެތްކަމަށެވެ.

އެހެންކަމުން ރިޔާސީ ކެނޑިޑޭޓަކަށް ވާތީ ނަޝީދުގެ ޝަރީއަތް ފަސްކޮށްދިނުމަށް އެދި ނެންގެވި އިޖުރާއީ ނުކުތާ އެދިވަޑައިގަތް ގޮތަށް ނިންމެން ނެތްކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމާފަ އެވެ.

ނަޝީދުގެ ޝަރީއަތް ދެން ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށެވެ.