މަސްތުވާތަކެތި ގެންގުޅުނު މީހަކު 15 އައަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ މ. މުލީ ޖޭމުގަސްދޮށުގޭ އަހްމަދު ވާފިރުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ މާޗް 28 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ވާފިރު އިންދައި ފުލުހުން ގޮސް އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައިވާ ކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތައް ލެބޯޓަރީގައި ތަހުލީލު ކުރި އިރު އޭގައި 0.0244 ހެރޮއިން އާއި 0.0406 ގްރާމް ޒެނެކްސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ އޭނާ ކުށްކުރި އިރު މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފާސްކުރެވިފައި ނުވާތީ އެވެ.